ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މުޅި ދުނިޔެ ގުގުމާލާނެ މުބާރާތެއް ކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން މިދިޔަ މަހު ވަކި ކޮށްފައިވާ މޮރީނިއޯ މިވަގުތު ހުރީ ގަތަރުގައެވެ. އެގައުމުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ތައްޔާރު ކުރާ ސްޓޭޑިއަމްތަކާއި އިންތިޒާމުތައް ބަލާލުމުގެ ފުރުސަތު މޮރީނިއޯއަށް ވަނީ ލިބިފައެވެ.
"އަހަރެން މިހުރީ ހަމަ ރަނގަޅަށް ވެސް އާޝޯޙު ވެ އަންތަރީސް ވެފަ. އޭރުވެސް އެނގޭ ގަތަރުގައި މި ކަހަލަ ކަމެއް ކުރަންޏާ ތަފާތު ވާނެކަން،" އެސް ސީ ކިއު އަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ.
"ކުރިން އަސްލު ވަރަށް ޝައްކުވި މިތަނުގެ އިންތިޒާމުތަށް ދާނެ ގޮތަކާއި މެދު. އެކަމު މިހާރު ޔަގީން ވެއްޖެ މި ފެންވަރުގަ ވަކި އެހެން އެއްވެސް ތާކު މުބާރާތެއް ނުބޭއްވޭނެ ކަން،"
މޮރީނިއޯ ގަތަރުގައި ހޭދަކުރަމުންދާ މިދާ ދަތުރުގައި އޭނާ ވަނީ ގަތަރުގައި ހަދާފައިވާ ފުޓްބޯޅަ ސްޓޭޑިއަމް ތަކާއި ޓްރޭނިންގް ގުރައުންޑްތަށް ވެސް ބަލާލާފައެވެ.
ޔޫރަޕުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކުލަބު ތަކުން ވެސް މުބާރާތާއި މެދު ސުވާލު އުފައްދަމުން އަންނަ ކަމަށާއި ނަމަވެސް އެ ގައުމަށް ޒިޔާރަތް ކޮށްލުމުން އެކަމަށް ޖަވާބު ލިބިގެން ދާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.
އުމުރުން 55 އަހަރުގެ މޮރީނިއޯ ގަބޫލު ކުރާ ގޮތުގައި ގަތަރުގައި ބޭއްވޭ މި ވޯލްޑް ކަޕް ވެގެން ދާނީ މިހާތަނަށް ދުނިޔޭގައި ބޭއްވޭ އެންމެ ކާމިޔާބު އެއް މުބާރާތަށެވެ.
މުބާރާތުގެ އިންތޒާމުގެ އިތުރުން ސްޓޭޑިއަމް ތަކުގެ ރީތި ކަމާއި ގިނަ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ތަންތަނާއި ތަނުގެ ސެކިއުރިޓީގެ ފުރިހަމަ ކަމަށް މޮރީނިއޯ ތައުރީފު ކުރިއެވެ.
މީގެ އިތުރުން ދަނޑުތަކުގެ ދެމެދުގައިވާ ކައިރި މިނުގެ ސަބަބުން ޓީމުތަކަށް ދުރު ދަތުރުތަށް ކުރަން ނުޖެހި އެއްތަނެއްގައި ކޭމްޕް ކުރެވުމަކީ ވަރަށް ބޮޑަށް ފަސޭހަ ތަކެއް ލިއްބައިދޭނެ ކަމެއް ކަން މޮރީނިއޯ ފާހަގަ ކުރިއެވެ.