ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މަޓާޓޯއިން ގޮވާލައިފި

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯއިން ގޮވާލައިފިއެވެ.

މިހިނގާ 2019 ވަނަ އަހަރު ފެށުމާއެކު ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވަނީ ހިތާމަވެރި ބައެއް ހާދިސާތަކެއް ހިނގާފައެވެ. އޭގެ ތެރޭގައި ދެ ރިސޯޓެއްގައި އަލިފާނުގެ ހާދިސާތަކެއް ހިނގުމާއި، ފަތުރުވެރިން މޫދަށް އެރި އުޅެނިކޮށް ގެނބުމާއި މަރުވުން ފަދަ ހާދިސާތައް ހިމެނެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން މިއަދު ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ މި އަހަރުގެ މިހާތަނަށް ޓޫރިސްޓުންނަށް ހިދުމަތްދޭ ބައެއް ތަންތަނުގައި ހިނގާފައިވާ ހާދިސާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިތާމަވެރި ހާދިސާތަކެއް ހިނގުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ޓޫރިސްޓު އެކޮމަޑޭޝަން ފެސިލިޓީތައް އިންސްޕެކްޓުކުރުމަށް ނިންމައި، އެކަން އިއުލާނުކޮށްފައެވެ. މަޓާޓޯއިން ވަނީ ޓޫރިޒަމް މިނިސްޓްރީގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

"ފަތުރުވެރިކަމަށް އެހާ ބޮޑަށް ބަރޯސާވާ ގައުމެއްގައި، ނޫސްތަކުގެ ސުރުހީތަކަށް މިފަދަ ހިތާމަވެރި ހާދިސާތައް އާންމުކޮށް އެރުމަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވެދަނެ ކަމެއް،" މަޓާޓޯއިން ބުންޏެވެ.

އަދި ވަކިން ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި އާންމު ރައްޔިތުންނާއި ޕްރައިވެޓް ސެކްޓަރުން ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދެވިދާނެކަމަށް މަޓާޓޯއިން ބުންޏެވެ. އެގޮތުން ސަލާމަތީ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ފަތުރުވެރިންނަށް ދިނުން ފަދަ ކަންކަން ކުރުމަށް ބާރުއަޅާކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ މީގެ ކުރިން އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާ ގުޅިގެން ސޭފްޓީ އެވެއާނެސް ނުވަތަ ސަލާމަތީ ކަންކަމަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ކަރުދާސްތަކެއް ބަހާފައި ކަމަށެވެ.

އަދި މިފަދަ މައުލޫމާތަކީ ދުނިޔޭގެ އެކި ބަސްތަކުން ތައްޔާރުކުރެވި، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ލިވްއަބޯޑުތަކުގެ އިތުރުން ހޮޓެލްތަކުގައި ލިބެން ހުންނަންޖެހޭކަމަށް މަޓާޓޯއިން ގަބޫލުކުރާކަމަށް އެޖަމިއްޔާއިން ބުންޏެވެ.

މަޓާޓޯއިން ބުނީ މިފަދަ އެހެން ކެމްޕޭނެއް އެ ޖަމިއްޔާއިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

comment ކޮމެންޓް