ކަރުނައާ އެކު ޖިއާންގެ މަންމަ: އެއީ އިހުމާލުވުމުގެ ނަތީޖާ!

ޖިއާންގެ މައިންބަފައިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރާއްޖެއަށް ސިހުން ގެނުވީ މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ އެއް ވެއްއްޓުނު ހާދިސާގެ ހަބަރުންނެވެ. މާލޭގެ މަގުތަކުގައި ރައްކާތެރިކަން ނެތް ކަމުގެ ބިރު ދިވެހިންގެ ހިތުގައި އަބަދު ވެސް އޮންނަ އިރު އެ ހާދިސާއާ އެކު އެ ބިރުވެރިކަން އިތުރުވީ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ ނިޔާވުމާ އެކު އެވެ.

ސިމެންތި ބަސްތާ ވެއްޓުނީ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ހާދިސާ އަކީ ދިވެހިންނަށް އެތައް އިބުރަތްތަކެއް ލިއްބައިދިން، ދިވެހިންގެ ލޯ ހުޅުވައިލަދިން ހާދިސާއެކެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންތައް ދޯދިޔާކޮށް އޮއްވައި އެކަންތައް ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވެސް އެ ހިސާބުން މަސައްކަތް ފެށި އެވެ.

ޖިއާންގެ މަންމަ ޑރ. ފަރުޒާނާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި ނިޔާވީ ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދިޔަ ބަނގްލަދޭޝްގެ ޑޮޮކްޓަރެއްގެ ދަރިއެކެވެ. އުމުރުން އަށް އަހަރާއި ތިން މަހުގެ ރައުޝަން ޖިއާން އެވެ. ރައުޝަންގެ ކުޑަކުޑަ އާއިލާގެ އުފާވެރިކަން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔައީ ދިވެހި ކުންފުންޏެއްގެ ފަރުވާކުޑަކަމުންނެވެ.

އެ ހާދިސާ ރައުޝަންގެ އާއިލާ އިން ސިފަކުރީ "އިހުމާލުވުމުގެ ސަބަބުން ދިމާވި" ކަމެއްގެ ގޮތުގަ އެވެ. ރައުޝަންގެ މަރަށް މަހެއް ވެފައިވާ އިރު އާއިލާ އިން މިއަދު މީޑިއާ އާ ވާހަކަ ދައްކަމުން ބުނީ އެމީހުންގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެނބުރި ރާއްޖެ އިން ދާނީ ރައުޝަން އަށް އިންސާފު ހޯދައިދިނުމަށް ފަހު ކަމަށް ރައުޝަންގެ މަންމަ ޑރ. ފަރުޒާނާ ހުސެން ވިދާޅުވި އެވެ.

ރައުޝަން ޖިއާން--

"ހުރިހާ އާއިލާތަކެއް ފަދައިން އަހަރެމެން ވެސް ޑިސެމްބަރު މަހު މާލެއައީ ޗުއްޓީ އަށް. އެކަމަކު އުފާވެރި ޗުއްޓީއެއްގެ ބަދަލުގައި އަހަރެމެންގެ ތަގުދީރުގައި ލިޔެވިފައި އޮތީ އެހެން ކަމެއް. ސޯޅަ ޑިސެމްބަރުވީ އެ ހިތާމަވެރި ހެނދުނު އަހަރެމެންގެ ދަރިފުޅުގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނީ،" ލޮލުން ކަރުނަ އަންނަހާލު ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

ޑރ. ފަރުޒާނާ ވިދާޅުވީ ރައުޝަންގެ ދެ ސާޖަރީއެއް އައިޖީއެމްއެޗުން ހެދި ކަމަށެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ޑޮކްޓަރުން ކުރެއްވި ކަމަށާއި ނަމަވެސް ޖެހިގެން އައި ދުވަހު ޖިއާން މި ދުނިޔެ ދޫކުރީ ކަމަށެވެ.

މަތިން ވެއްޓުނު ބަސްތާގެ ދަށުވުމުގެ ސަބަބުން ޖިއާންގެ އެތެރޭގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

"ދަރިފުޅު މަރުވުމަކީ އަހަރެމެންނަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ހިތާމައެއް. ދަރިފުޅުގެ މަރާ އެކު މި ދިވެހި ރާއްޖެ އިން ލިބުނު އެހީތެރިކަމަށާއި ލޯތްބަށް އަހަރެމެން ޝުކުކުރުވެރިވަން،"

ޑރ. ފަރުޒާނާ ވަނީ އެ އާއިލާ އަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދާއި ފުލުހުން، އަދި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން އާއި އައިޖީއެމްއެޗުގެ ސްޓާފުންގެ ފަރާތުން ލިބުނު ލޯތްބަށާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައުޝަންގެ ބޮލަށް ވެއްޓުނު ސިމެންތި ބަސްތާ: އެ ބަސްތާ ކައިރީގައި އެ ކުއްޖާގެ އައިނު ވެއްޓިފައި-- ފޮޓޯ: ކިޔުންތެރިއެއް

ދަރިފުޅުގެ މަރު ޑރ. ފަރުޒާނާ ސިފަކުރެއްވީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގަ އެވެ. ރައުޝަންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާ އިރު، އެކަން އާއިލާގެ ފަރާތުން ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފަ އެވެ.

"ބުރަ ހިތަކާ އެކު ވެސް ބުނަން ޖެހެނީ އަހަރެންގެ ދަރިފުޅު ދިވެހިން ދަންނާނީ ވީޑިއޯ އިން ފެންނަ، ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ކުއްޖާގެ ގޮތުގައޭ. އެކަމަކު އަހަރެންގެ ދަރިފުޅަކީ އެ ވީޑިއޯ އިން އެފެންނަ ކުއްޖާއެއް ނޫން. އެއީ އެއަށް ވުރެ މާ އުފާވެރި، ލޯބި ކުއްޖެއް. ކިޔެވުމާއި، އާއިލާ އަދި ރައްޓެހިންނާއި ޓީޗަރުން ދެކެ ނުހަނު ލޯބިވި ކުއްޖެއް. އެއީ ތިމާވެށި ދެކެ ލޯބިވި ކުއްޖެއް. މަގުމައްޗަށް ކުނި ނާޅަން އޭނާ މީހުންނަށް ނަސޭހަތްތެރިވާނެ. ރައުޝަން ބޭނުންވި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަން. އެންމެ ބޭނުންވީ ޕައިލޮޓަކަށް ވާން. އަންހެނުންނަށް ޕައިލޮޓަކަށް ނުވެވޭނެޔޭ މީހުން ބުނެފި ނަމަ ރައުޝަން ވަރަށް ދެރަވޭ. އެއީ މޮޅު ކުއްޖެއް. ހިތްވަރުގަދަ ކުއްޖެއް،" ލޯބިވާ އަންހެން ދަރިފުޅުގެ ވާހަކަތައް ހިއްސާ ކުރަމުން ރޮވިފައި އިނދެ ރައުޝަންގެ މަންމަ ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ ދުއާގައި ރައުޝަން ހިމެނުމަކީ އަޅުގަނޑުމެންގެއެދުން." ދިވެހިންނަށް ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

ރައުޝަން ޖިއާން މަރުވުމުން އާއިލާ އިން ވަނީ އެކުއްޖާގެ ހަށިގަނޑާ އެކު ބަންގްލާދޭޝް އަށް ގެންގޮސްފަ އެވެ. އާއިލާއިން އެނބުރި ރާއްޖެ އައިސްފައިވާ އިރު މާދަމާ ރައުޝަންގެ މަންމަ ވަޒީފާ އަށް ނިކުންނާނެ އެވެ. ޑރ. ފަރުޒާނާ އަކީ ފ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ.

comment ކޮމެންޓް