"ގޮށްރާޅު" ދެވަނަ ޓްރެއިލާ ވަރުގަދަ، ނޭވާ ހިފަހައްޓާލަން ޖެހޭ!

ޓްރެއިލާއިން ފެނިގެން ދިޔަ މަންޒަރެއް---

އަންނަ މަހު ހަތަރެއްގައި ރިލީޒްކުރާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ގޮށްރާޅު" އަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކުރި ހިސާބުން ފިލްމު ބެލުމަށް ބެލުންތެރިން އިތުރަށް ޝައުގުވެރިވި އެވެ.

ފިލްމުގެ ދެވަނަ ޓްރެއިލާއެއް އާންމުކުރާނެ ކަމަށް ފިލްމުގެ ޓީމުން ބުނުމާ އެކު ބެލުންތެރިން ތިބީ އެ ޓްރެއިލާގެ އިންތިޒާރުގަ އެވެ. ފުރަތަމަ ޓްރެއިލާ އަށް ވުރެ ދެވަނަ ޓްރެއިލާ މާ ވަރުގަދަ ވާނެ ކަމަށް ބުނުމުންނެވެ.

އިންތިޒާރުގެ ނިމުން އައީ އިއްޔެ ހެނދުނެވެ. އަންނަ މަހު ހަތަރެއްގައި "ގޮށްރާޅު" އޮލިމްޕަހަށް ބިންދާލާ އިރު ފިލްމުގެ ދެވަނަ ޓްރެއިލާ "ސަސްޕެންސް"އެވެ.

ޓްރެއިލާއިން ފުރަތަމަ ފެނިގެން ދިޔަ މަންޒަރުން ވެސް ތިބެން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކަންވާނީ ކިހިނެއްތޯ ބެލުމުގެ ޝައުގުވެރިކަން ބޮޑުވެފަ އެވެ.

"އައިމަން، އައިމަން، އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން" ޓްރެއިލާ ފެށިގެން އަންނަނީ ފިލްމުގެ ބަތަލާ އައިޝަތު ތަސްނީމާ (ޒައިނާ) އިމާރާތެއްގެ އެންމެ އުސް ފަންގިފިލާއަށް އަރައި ފޯނުން ޖުމައްޔިލް ނިމާލް (އައިމަން) އާ ގިސްލަމުން ވާހަކަދައްކަނިކޮށެވެ.

އައިމަންވީ ކީއްތޯ ބެލުމަށް ހާސްވެފައި ހުރެ ސުވާލުކުރުމުން ޒައިނާ އައިމަން އަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނު އެއްފަރާތްކޮށްލުމަށް ފަހު ދެން ކޮށްލި އަވަސް ހަރަކާތުން ގައިން ހީބިހި ނަގައިގެން ދާވަރުވެ އެވެ. ފާރުމައްޗަށް އަރައި ހުރެ ޒައިނާ އިމާރާތުން ވެއްޓިގަނެ އެވެ.

އަވަސް މަންޒަރުތަކެއް ދެވަނަ ޓްރެއިލާއިން ފެނިގެންދިޔައިރު މާރާމާރީ އާއި ތަޅާފޮޅުން ގިނަ މަންޒަރުތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ.

އެއް މިނެޓާއި 20 ސިކުންތުގެ ކުޑަ ޓްރެއިލާގައި ވެސް ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އެވެ. ޝިނާންގެ އިތުރުން ތަރިންގެ އެކްޓު އެންމެ ފުރިހަމައަށް ފެނިގެންދިޔަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ހަމަ ރަނގަޅަށެވެ. މި ފިލްމު ބަލަން އިންނަންޖެހޭނީ "ސީޓުގައި ހިފާޓާލައިގެން"ނެވެ.

ފިލްމުގެ ޓީމަކީ ވަރުގަދަ ޓީމެކެވެ. ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ އިތުބާރު ހިފޭ ޓީމެކެވެ.

ފިލްމުގެ ތަރިންތަކެއް--

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

"ގޮށްރާޅު" އަޅުވާނީ ހަވީރު 16:00، ރޭގަނޑު 21:00 އަދި ރޭގަނޑު 23:00 ގަ އެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެއެވެ. ޓިކެޓްގެ އަގަކީ 100ރުފިޔާ އެވެ.

"ގޮށްރާޅު"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް