ތުރުކީގައި ވޯޓުލާން 165 އަހަރުގެ މީހެއްގެ ނަން އޮތުމުން ސުވާލު އުފެދިއްޖެ

ތުރުކީން ދަނީ އަންނަ މާޗް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ތައްޔާރުވަމުން -- ފޮޓޯ: ގެޓީ

އަންކާރާ (ޖެނުއަރީ 22): ތުރުކީގެ އިންތިހާބުގައި 165 އަހަރުގެ މީހަކު ވޯޓުލާން ރެޖިސްޓާކޮށްފައި އޮތުމުން، އެގައުމުގެ ވޯޓާސް ލިސްޓުގެ ސައްހަ ކަމާ ބެހޭ ގޮތުން ސުވާލު އުފެދިއްޖެ އެވެ.

ތުރުކީގައި މޭޔަރުންނާއި ކައުންސިލަރުން ހޮވުމަށް އަންނަ މާޗް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބާ ދިމާކޮށް ވޯޓުލާން ރެޖިސްޓާކޮށްފައިވާ މީހުންގެ ލިސްޓުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރާ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ)ން ބުނި ގޮތުގައި ވޯޓުލާ މީހުންގެ ލިސްޓު އެންމެ ގިނައިން އޮޅުވާލާފައި ވަނީ ވެރިކަން ކުރާ އޭކޭ ޕާޓީއަށް މީގެ ކުރިން ނާކާމިޔާބުވި ސަރަހައްދުތަކުގަ އެވެ.

ސީއެޗްޕީން ބުނި ގޮތުގައި މިފަހަރު ވޯޓު ލާން 100 އަހަރުން މަތީގެ 6،000 އަށް ވުރެ ގިނަ މީހުން ރެޖިސްޓާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1854 ވަނަ އަހަރު އުފަންވި ކަމަށް ބުނާ މީހެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެއް ޑިސްޓްރިކްޓުގައި ހަ މަސް ތެރޭ ވޯޓު ލާ މީހުންގެ އަދަދު 95 ޕަސެންޓަށް އިތުރުވި މައްސަލައަކާއި އެއް އެޕާޓްމެންޓަށް 1،000 މީހުން ރެޖިސްޓާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ތުރުކީގެ އިދިކޮޅު ޕާޓީތަކުން ވަނީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އެމައްސަލަތައް ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އަދި ވެރިކަން ކުރާ ޕާޓީން ވެސް ވަނީ ވޯޓާސް ލިސްޓު އޮޅުވާލާފައި ވަނީ އެޕާޓީއަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ މައްސަލަ ހުށަހަޅައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް