ދިއްދޫ ކައުންސިލުގެ ރައީސްކަމުން ހާޝިމް އިސްތިއުފާ ދެއްވައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ -- ފޮޓޯ/ އަލީ ހާޝިމް ދީދީ

ހއ. ދިއްދޫ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ދިއްދޫ ކައުންސިލުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހާޝިމް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ހާޝިމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމަށް އެރަށުގެ ބައެއް މީހުން ޕެޓިޝަނެއްގައި ސޮއިކުރަމުން ދަނިކޮށެވެ. އެ ޕެޓިޝަން ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދައްކާ ވާހަކަތަކަށް ހާޝިމް ތާއީދު ކުރަމުންދާ ކަމަށެވެ.

އެގޮތަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވަނީ މަންދު ކޮލެޖުގެ މަސްއޫލުވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ދެއްކެވި ވާހަކަފުޅަކަށް ހާޝިމް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.

ދިއްދޫގެ ބައެއް ރައްޔިތުން ސޮއިކުރަމުންދާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ ހާޝިމް އިސްލާމްދީނާ ހިލާފު ވާހަކަތައް ދެއްކުމުން ނޫސްތަކުގައި ދިއްދޫ ކައުންސިލުގެ ރައީސް އެގޮތަށް އިބާރާތްކޮށްފައި ވުމަކީ އެރަށާއި ރައްޔިތުންނަށް ލިބުނު ލަދުވެތި ކަމެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް