މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 28ގައި ހުޅުވާލަނީ

ރައްޔިތުންގެ މަޖިލިސް: މަޖިލިސް އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 28 ގައި ހުޅުވާލަނީ ---

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 28 ގައި ހުޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އެ ތާރީހަކީ މީގެ ކުރިން ވަގުތީ ތާރީހުގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ދުވަސް ކަމަށެވެ.

ޕާޓީތަކުގެ ޕްރައިމެރީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމައި ނަތީޖާ 27 ވަނަ ދުވަހު އިލެކްޝަންސްއަށް އަންގަން ޕާޓީތަކަށް މީގެ ކުރިން ވަނީ އަންގާފަ އެވެ. ޕްރައިމެރީ ބާއްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރި ހަމަ އެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. އެ ޕާޓީގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައިވާ އިރު އަދާލަތު ޕާޓީން ވަނީ އެއް ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ނިންމައި ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އެ ދާއިރާގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

އޭޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބްގައި، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ރެޖިސްޓްރީ ކުރިތަނަށް އަލުން ރީ ރެޖިސްޓްރީ ނުކޮށް މަޖިލިސް އިންތިހާބުގައި ވެސް ވޯޓު ލެވޭނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފި އެވެ.

comment ކޮމެންޓް