ބަންގުލަދޭޝްގެ 'ޓްރީ މޭން': އަނެއްކާވެސް އޮަޕަރޭޝަން ކުރަން ޖެހިފައި

އޮޕަރޭޝަނަށް ފަހު ބަޖަންދަރު އޭނާގެ އަނބިމީހާއާއި ދަރިފުޅާ އެކު -- ފޮޓޯ: އޭއެފްޕީ

ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް އަތާއި ފައިގައި ފަޅާފައި ވުމުން 2016 ވަނަ އަހަރު ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ކުރި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބުލް ބަޖަންދަރު އަނެއްކާވެސް އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހިއްޖެ އެވެ.

އެޕިޑާމޯޑިސްޕްލޭޝިއާ ވެރަސިފޯމިސް ނުވަތަ 'ޓްރީ މޭން ސިންޑްރޯމް'ގެ ސަބަބުން ބަޖަންދަރުގެ ހަށިގަނޑުގައި ފޮޅުތަކެއް ފަޅާފައި ހުންނަތާ ގާތްގަނޑަކަށް 20 އަހަރު ވެއްޖެ އެވެ. އަދި އެބަލި ޖެހެނީ ވަރަށް މަދު މީހުންނަށް ކަމުން ބަޖަންދަރުގެ އޮޕަރޭޝަނަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ.

ބަޖަންދަރަށް ފަރުވާ ދިން ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރުގެ ފަހުން ބަޖިންދަރު ވަނީ 25އަށް ވުރެ ގިނަ ސާޖަރީތައް ހަދާފަ އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މެއި މަހު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ދާން ދެކޮޅު ހަދާފަ އެވެ.

އޮޕަރޭޝަނުގެ ކުރިން ބަޖަންދަރު -- ފޮޓޯ: އޭއެފްޕީ

އޭގެ ސަބަބުން އޭނާގެ އަތާއި ފައިގައި އަނެއްކާވެސް ފޮޅުތަކެއް ނަގައި، އެތަކެތި ވަނީ އިންޗެއްހާ ވަރަށް ދިގުވެފަ އެވެ. ބަޖަންދަރުގެ ޑޮކްޓަރު ސަމަންތާ ލާލް ސެން ވަނީ އޭނާއަށް ފަރުވާ ދޭނެ ގޮތަކާ ބެހޭ ގޮތުން މިހާރު ވިސްނަމުންދާ ކަމަށާއި ބަޖަންދަރު އަނެއްކާވެސް ފަސް ވަރަކަށް އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބަޖަންދަރު ބުނި ގޮތުގައި އޭނާގެ އުމުރުން 10 އަހަރުގައި ފެންނަން ފެށި މި ތަކެއްޗާ މެދު އޭނާ އެންމެ ފުރަތަމަ ފަރުވާލެއް ނުބަހައްޓަ އެވެ. ނަމަވެސް ފަހުން އެއީ ވަރަށް ވޭން ގަދަ މައްސަލައަކަށްވެ، އޭނާ ކުރަމުން އައި ރިކްޝޯ ދުއްވުމުގެ މަސައްކަތް ދޫކޮށްލަން ޖެހުނެވެ.

"އަޅުގަނޑުގެ އަތުން ދަރިފުޅު އުރާލެވޭނެ ކަމަށް ކުރިން ހިއެއް ނުކުރަން. ނަމަވެސް މިހާރު ދަރިފުޅު އުނގުގައި ބައިންދައިގެން ދަރިފުޅާ އެކު ކުޅެވޭތީ އުފާވޭ،" 2016 ވަނަ އަހަރު ކުރި ސާޖަރީތަކަށް ފަހު ބަޖަންދަރު ބުންޏެވެ.

ބަޖަންދަރުގެ ކުރީގެ އޮޕަރޭޝަންތަކަށް ހަރަދު ކުރީ ސަރުކާރުންނެވެ. އަދި ޑޮކްޓަރުން ވިދާޅުވި ގޮތުގައި މިފަހަރުގެ އޮޕަރޭޝަނަށްވެސް ހަރަދު ކުރާނީ ސަރުކާރުންނެވެ.

comment ކޮމެންޓް