މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހަދާފައިވާ ސެންޓްރޯ މޯލް -- ފޮޓޯ/ އެޗްޑީސީ

އިއްޔެ ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި އިއްޔެ ހިނގި ހާދިސާގައި ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހިފައިގެން ދިޔަ މީހާގެ މޫނަށް ދެ މީހަކު އައިސް ވަނީ ސްޕްރޭ ޖަހައި ފައިސާތައް ފޭރިގެންފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ އިއްޔެ 11:47 ހާއިރު ކަމަށެވެ.

ހުޅުމާލޭ ސެންޓްރޯ މޯލް ތެރޭ ހުންނަ އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް މީގެ ކުރިންވެސް ވަނީ ފޭރިގަނެފައެވެ. ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުން ފައިސާތަކެއް ނަގައިގެން ވޭނަށް އެރުމާ ދޭތެރޭ އެންސިސްގެ ދެ މިލިއަން ރުފިޔާވެސް ވަނީ ފޭރިގަނެފައެވެ.

comment ކޮމެންޓް