ޗައިނާގެ އިގުތިސާދީ ކުރިއެރުން މަޑުޖެހިލައިފި

ޗައިނާގެ އިގުތިސާދީ ދުވެލި ވަނީ މަޑުޖެހިފައި -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ޖެނުއަރީ 21): ޗައިނާގެ އިގުތިސާދީ ކުރިއެރުން ފާއިތުވި 28 އަހަރު ތެރޭ މަޑު ނުޖޭހެ މިންވަރަށް މިދިޔަ އަހަރު މަޑުޖެހިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޗައިނާގެ އިގުތިސާދު ކުރިއަރާފައި ވަނީ 6.6 ޕަސެންޓަށެވެ. އެއީ 1990ގެ ފަހުން އެގައުމުގެ އިގުތިސާދީ ދުވެލި އެހާވަރަށް މަޑު ޖެހުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރާ އަޅާ ބަލާ އިރު 2017 ވަނަ އަހަރު ޗައިނާގެ އިގުތިސާދު ވަނީ 6.8 ޕަސެންޓަށް ކުރިއަރައިފަ އެވެ.

ޗައިނާގެ އިގުތިސާދީ ދުވެއްޔަށް އަންނަ ބަދަލާ އެކު ދުނިޔޭގެ މާލީ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

އަދި ޗައިނާގެ އިގުތިސާދު ވަރުގަދަ ކުރުމަށް އެގައުމުން ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތައް އަވަސް ކުރުމާއި ބައެއް ޓެކްސްތައް ކަނޑާލުމާއި ބޭންކުތަކުގެ ރިޒާވުގައި ހުންނަން ޖެހޭ ފައިސާގެ އަދަދު މަދު ކުރުން ހިމެނެ އެވެ.

މިދިޔަ އަހަރު ޗައިނާގެ އިގުތިސާދީ ހަރަކާތްތައް މަޑު ޖެހުނު މައިގަނޑު އެއް ސަބަބަކީ އެގައުމާއި އެމެރިކާއާ ދެމެދު ފެށުނު ވިޔަފާރީގެ ހަނގުރާމަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާ އިން ވަނީ ޗައިނާގެ 250 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށައިފަ އެވެ. އަދި ޗައިނާ އިން ވަނީ އެމެރިކާގެ 110 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށައިފަ އެވެ. އެހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި މިމަހުގެ 30ގައި ދެ ގައުމުން ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް