ބާސާ އަދި ރެއާލަށް ވެސް ބަދަލުވާކަށް ނޫޅެން: ނޭމާ

ބްރެޒިލްގެ ތަރި ނޭމާ --- ފޮޓޯ/ އޭޕީ

ޕެރިސް ސައިންޓް ޖާމަން (ޕީއެސްޖީ)ގެ ބްރެޒިލް ސުޕަރ ސްޓާ ނޭމާ ޖޫނިއާރ ބާސެލޯނާ ނުވަތަ ރިއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ބުނެ ފަތުރަމުންދާ "ޔޯލަ" ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއާ ގުޅުނު ހިސާބުން ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އޭނާއަށް ވަނީ ލިބިފައެވެ. އަދި މީޑިޔާގެ ޔޯލަ ވާހަކަ ތަކުގެ ޝިކާރައަކަށް ވެ އޭނާ އަނބުރާ ބާސެލޯނާއަށް ނުވަތަ ރެއާލް މެޑްރިޑްއަށް ބަދަލު ވާން އުޅޭ ކަމުގެ ވާހަކަތައް ކޮންމެވެސް ސިފައެއްގައި ކޮންމެ ދުވަހަކުވެސް ފެންމަތި ވަމުން ދެއެވެ.

ނޭމާ އަދި މެސީ އެކުގައި ބަސާ އަށް ކުޅެދިން މެޗެއް ތެރެއިން--

މިސީޒަން ފެށުމުގެ ކުރިން ނޭމާ އަނބުރާ ބާސާއަށް ގެނައުމަށް އެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މިކަމުގައި ނޭމާގެ ބައްޕައާއި ބާސެލޯނާއިން ބައްދަލު ކުރި ކަމަށް އެ ކުލަބުން ވަނީ މީގެ ކުރިން ބުނެފައެވެ.

ރެއާލް މެޑްރިޑުން ވެސް ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ނޭމާ ގެންދެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ނޭމާ ވަނީ ޕީއެސްޖީގައި މަޑުކުރަން ނިންމާފައެވެ.

"އަހަރެން ރަސްމީކޮށް ކުލަބް ތަކަށް ކުޅެން ފެށި ހިސާބުން ފެށިގެން އެފަދަ ހަބަރުތައް ފަތުރަން ބަޔަކު އަބަދުވެސް މަސައްކަތް ކުރޭ. އެކަމަކު އެ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަ ތަކެއް ނޫން،" ކެނަލް ޕްލަސް އަށް މައުލޫމާތު ދެމުން ނޭމާ ބުންޏެވެ.

"އަހަރެން އެއްވެސް ޓީމަކަށް ބަދަލުވާން އުޅޭ ނަމަ އަހަރެން އަމިއްލައަށް އެކަން އެންމެނަށް އަންގައި ޔަގީންކޮށްދޭނަން،"

ނޭމާ ވަނީ އެންމެ ފަހުން 0-9 ގެ ނަތީޖާ އަކުން ގުއިންގޭމްޕް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި 2 ގޯލު ޖަހާފައެވެ. މި މެޗަށް ފަހު އެ ޓީމުގެ ކޯޗު ނޭމާއަށް ވަނީ ތައުރީފުގެ ބަސްތަށް "ބަންޑުން" ކޮށްލާފައެވެ.

"އަހަރެންނާއި ކޯޗާއި ދެމެދުގައިވާ ރައްޓެހި ކަމުގެ ގުޅުމުގެ އިތުރުން އެންމެ މުހިންމު އެއްކަމަކީ އަހަރަމެން ދެމެދުގައި ވާ އިހްތިރާމް. ކޯޗަށް ޓަކައި ދަނޑުމަތީގަ ވާން ޖެހޭ ކޮންމެ ގުރުބާނީއެއްވެސް އަހަރެން ވާނަން،" ނޭމާ އިތުރަށް ބުންޏެވެ.

comment ކޮމެންޓް