ތެޔޮ ހޮޅިއެއް ގޮވައިގެން މެކްސިކޯއިން 85 މީހަކު މަރުވެއްޖެ

މެކްސިކޯ ތެޔޮ ހޮޅިއެއް ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (ޖެނުއަރީ 21): މެކްސިކޯގައި ތެޔޮ ހޮޅިއެއް ގޮވައިގެން މަރުވި މީހުންގެ އަދަދު 85އަށް އަރައިފި ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެފި އެވެ.

މެކްސިކޯގެ ތްލައުއެލިލްޕަން ޑިސްޓުރިކްޓުގައި އެހާދިސާ ހިނގީ ގަވާއިދާ ހިލާފަށް ތެޔޮ ނެގުމަށްޓަކައި ބަޔަކު ތެޔޮ ހޮޅި ފަޅާލުމުން ކަމަށް ދައުލަތުގެ ތެޔޮ ކުންފުނި ޕެމެކްސްއިން ބުންޏެވެ. އަދި އޭގެ ސަބަބުން ތެޔޮ ލީކުވެ، ގިނަ އަދަދެއްގެ މީހުން ތެޔޮ ނަގަން އުޅެނިކޮށް އެތަނުގައި ރޯވީ އެވެ. އެއަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ.

މެކްސިކޯގެ ހެލްތް މިނިސްޓްރީން ވަނީ އެހާދިސާގައި 85 މީހުން މަރުވުމުގެ އިތުރުން 66 މީހަކަށް އަނިޔާވި ކަމަށް ބުނެފަ އެވެ.

އެހާދިސާ ހިނގީ މެކްސިކޯގެ ތެޔޮ ހޮޅިތަކުން ވައްކަން ކުރުން ހުއްޓުވުމަށް ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރެޑޯ ހާއްސަ އޮޕަރޭޝަނެއް ފެއްޓެވި ފަހުންނެވެ. މިދިޔަ އަހަރު އެކަނިވެސް އެގައުމުގެ ތެޔޮ ހޮޅިތަކުން ތިން ބިލިއަން ޑޮލަރުގެ ތެޔޮ ވަގަށް ނަގާފައިވާ ކަމަށް ޕެމެކްސް އިން ލަފާ ކުރެ އެވެ.

އެއޮޕަރޭޝަނުގެ ދަށުން ސަރުކާރުން ވަނީ ބައެއް ތެޔޮ ހޮޅިތައް ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން މެކްސިކޯގެ ބައެއް ސްޓޭޓުތަކުގައި ތެޔޮ ލިބުން ދަތިވެފައިވާތާ ގާތްގަނޑަކަށް ދެ ހަފްތާވެއްޖެ އެވެ.

ޕެމެކްސްއިން ވަނީ އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް