ފޮރިން މިނިސްޓަރު އެމެރިކާ އަދި ޔޫކޭއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. މިނިސްޓަރު ވަނީ އެމެރިކާ އަދި ޔޫކޭއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައި-- ފޮޓޯ: ޒިންހުއާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެެމެރިކާ އަދި އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންފިއެވެ.

ޝާހިދު ވަނީ މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ސަރުކާރުގެ ބައެއް މުހިންމު މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް ޔޫއޭއީއަށް ވަޑައިގަތް ސަރުކާރުގެ ވަފުުދުގައިވެސް ބައިވެލައްވައިފައެވެ.

ކުރިއަށް އޮތް ދަތުރާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމެރިކާއާ ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި އަދި އެމެރިކާގެ ސަރުކާރުގެ އެސިސްޓެންޓް ސެކްރެޓަރީ ފެންވަރުގެ ފަސް ވަފުދެއް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.

"އެ ގުޅުންތައް އިތުރަށް ބަދަހިކޮށް އަޅުގަނޑުމެން އަލުން ބައިނަލްއަގުވާމީ މުޖުތަމައުގައި ބައިވެރިވާން ފެށި ބައިވެރިވުންތަކަަށް ހަރުދަނާކޮށް މަޝްވަރާކުރުމަށް އަޅުގަނޑުކުރާ ދަތުރެއް މިއީ،" ޝާހިދު ވިދާޅުވިއެވެ.

އެމެރިކާއިގައި ސަލާމަތީ މަޖިލީހުން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވާނެ ކަމަށްވެސް ޝާޙިދު ވިދާޅުވިއެވެ.

އަދި ލަންޑަންގެ ފޮރިން އޮފީހުން ޑިމޮކްރަސީއާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކޮށް އެ ޖަމްއިއްޔާގައި ރާއްޖެ އަލުން ބައިވެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ކުރާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް