ބަދަލު ހިފުމުގެ ގޮތުން ގުއިންގޭމްޕް ކޮޅަށް ޕީއެސްޖީން ލަނޑު ގޯންޏެއް!

ރޭ މެޗަށް ފަހު ޕީއެސްގީގެ މުޅި ޓީމު އުފާ ފާލުކުރަނީ -- ސަޗާ ޕިސަނީ

ތާވަލުގެ ފުލުގައި އޮތް ގުއިންގޭމްޕް ކޮޅަށް "ލަނޑުގޯންޏެއް" ޖަހައި ތާވަލުގެ އެއްވަނައިގައި ޕީއެސްޖީން ފަރަގު ބޮޑުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅެ ގުއިންގޭމްޕް ކޮޅަށް ޕީއެސްޖީން ވަނީ 9 ގޯލް ޖަހައިފައެވެ. މި މޮޅަކީ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގެ ތާރީހުގައި ވެސް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

މީގެ 10 ދުވަސް ކުރިން ފްރާންސްގެ ލީގު ކަޕްގައި ގުއިންގޭމްޕް އިން ވަނީ ޕީއެސްޖީ ކައިރިން މޮޅުވެ އެ ޓީމު މުބާރާތުން ކަޓުވާލާފައެވެ. ނަމަވެސް ރޭގެ މެޗުގައި ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔައީ ބަދަލު ހިފުމުގެ ރޫހެއްގައި ކުޅެ ގުއިންގޭމްޕް ލަދުގަންނަވާލި މަންޒަރެވެ.

ޕީއެސްޖީގެ ފޯވާޑް ކައިލިއަން އެމްބައްޕޭ -- ބީބީސީ ސްޕޯޓްސް

މެޗުގެ 11 ވަނަ މިނަޓުގައި ޕީއެސްޖީއަށް ގޯލު ހުޅުވައިދިނީ ބްރެޒިލްގެ ކެޕްޓަން ނޭމާ ޖޫނިއާއެވެ. އޭގެ އިތުރުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީއިން ވަނީ އިތުރު ދެ ގޯލު ޖަހައި ގުއިން ގޭމްޕްގެ މުޅި ޓީމު ޕްރެޝަރަށް ދުއްވާލާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޕީއެސްޖީ އިން ދިޔައީ ގުއިންގޭމްޕް ކޮޅަށް ގޯލުތައް "އޮއްސަމުން"ނެވެ. އެގޮތުން ދެވަނަ ހާފުގައި ޕީއެސްޖީއިން ވަނީ ހަ ގޯލު ޖަހައިފައެވެ. އެ ޓީމުގެ ކުރިއަށް ކުޅެމުންދާ ކުޅުންތެރިން ކަމަށް ވާ ކީލިއަން އެމްބާޕޭ އާއި އެޑިސަން ކަވާނީ ވަނީ މި މެޗުގައި ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ނޭމާގެ ދެ ގޯލް އާއި މުއެނީރްގެ ފަރާތުން ވެސް ގޯލެއް ފެނިގެން ގޮސްފައިވެއެވެ.

މި މޮޅާއި އެކު ޕީއެސްޖީން ވަނީ އެއްވަނައިގައި 13 ޕޮއިންޓުގެ ފަރަގެއް ގާއިމު ކޮށްފައެވެ. މި ސީޒަނުގައި ފްރާންސް ލީގުގެ އެއްވެސް މެޗަކުން ޕީއެސްޖީ ބަލިވެފައެއް ނުވެއެވެ.

comment ކޮމެންޓް