ހޯމް މިނިސްޓްރީއިން ތިމާވެށްޓަށް ޓަކައި ޕްލާސްޓިކާ ދުރަށް

ހޯމް މިނިސްޓްރީގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން -- ފޮޓޯ: ހޯމް މިނިސްޓްރީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހޯމް މިނިސްޓްރީ އިން ތިމާވެށްޓަށް ޓަކައި ހުއްޓާލައިފިއެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން މިއަދުން ފެށިގެން އެ މިނިސްޓްރީ އިން ހުއްޓާލާފައިވާ ކަމަށާއި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ދެން ބޭނުންކުރާނީ ބިއްލޫރި ފުޅި ކަމަށެވެ.

ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން ފާހަގަކުރުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓަލުމަކީ މުޅި ދުނިޔޭގެ ތިމާވެއްޓަށްވެސް މުހިއްމު ކަމެއް ކަމަށެވެ.

"މިއަދު ދުނިޔޭގެ މާހައުލު އެކިގޮތްގޮތުން ތަޣައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކަށް ޕްލާސްޓިކްވެގެންދޭ. ޕްލާސްޓިކުން އަޅުގަނޑުމެންގެ ރާއްޖެއާއި މުޅި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރައީސް އޮފީހުން ވަނީ ހާއްސަ ކެމްޕެއިނެއް ފަށައިފައެވެ. ސަރުކާރުގެ ގިނަ މުވައްސަސާތަކާއި މިނިސްޓްރީތަކުން ދަނީ ޕްލާސްޓިކް ފުޅި ބޭނުންކުުރުން ހުއްޓާލަމުންނެވެ.

comment ކޮމެންޓް