ރައްޔިތުންގެ ހިއްސާއާއެކު ދިރާގު ކުރިއަށް

ރާއްޖޭގައި މުއާސަލާތުގެ ހިދުމަތް ފޯރުކޮށް ދިނުމަށް މީގެ 23 އަހަރު ކުރިން އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލާސްއާއެކު އެއްބަސްވި ފަހުން ދިރާގު ވެފައިވަނީ ދިވެހިންގެ ގުޅުމަށެވެ. ކުންފުނީގެ ފެށުމަކީ ޒަމާނީ ކޮމިއުނިކޭޝަންގެ ހިދުމަތް ދިވެހިންނަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ. އޭރުވެސް އަދި މިހާރުވެސް ދިރާގުގެ އެ އަޒުމަށް ދެ ގޮތެއްނުވެ އެވެ. އޭގެ ހެއްކަކަށް ދިރާގުގެ ވިޔަފާރީގައި ރައްޔިތުން ހިއްސާވުމަށް އެޅި ފިޔަވަޅުފުދެ އެވެ.

ސަރުކާރުގެ 48 ޕަސެންޓް ހިއްސާވާ އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށުން ވަނީ ރޭ ދަރުބާރުގޭގައި އިފްތިތާހުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެ ޖަލްސާގައި ދިރާގުން އާންމުކޮށް ވިއްކަން ނިންމާފައިވާ 11.4 މިލިއަން ހިއްސާ ވިއްކުމުގެ ބަޔާން ވަނީ އާންމުކޮށްފަ އެވެ.

ފަނަރަ މަސްދުވަހުގެ މާލީ ހިސާބުތަކާއެކު އާންމު ކޮށްފައިވާ އެ ބަޔާނުގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާޗްމަހުގެ ނިޔަލަށް އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 968 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މޫނުމަތީ އަގު 2.50ރ. ގެ ހިއްސާއެއް، 77.5ރ ގެ ޕްރިމިއަމްއަކާ އެކު 80ރ. ގެ ރޭޓުން ވިއްކާއިރު އެ ފަނަރަ މަސްދުވަހުގެ ފައިދާގެ ނިސްބަތަށް ބަލައިނަމަ އެއީ ހިއްސާއަކަށް 50ރ. ޖެހޭވަރުގެ އަދަދެކެވެ.

މި މަހުގެ 25 ގައި ހިއްސާ ފޯމް ބަލައިގަނެ ޑިސެމްބަރު މަހުގެ ފަހު ކޮޅު ހިއްސާ ގަނެވިއްކަން ފަށާއިރު ފުރަތަމަ ހިއްސާގަންނަ ފަރާތްތަކަށް މިއަހަރުގެ ފައިދާއިން ހިއްސާއަކަށް ޖެހޭ ވަރު އަންނަ އަހަރުގެ ކުރީކޮޅު އާންމުކުރައްވާނެ ކަމަށް ދިރާގުގެ ޗެއާޕާސަން ޖުވައިރު ސައީދު މިއަދު ވިދާޅުވި އެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހިފެހެއްޓުމެއް ނެތި ހިއްސާ ގަނެވޭ ގޮތަށް ދިރާގުން ފުރުސަތު ހުޅުވާލާފައިވާއިރު ޖުވޭރިއާ ވިދާޅުވީ އެދޭ ކޮންމެ ފަރާތަކަށް ވެސް 25 ހިއްސާ ޔަގީންކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޕްރިރޭޓާ ބޭސިސްއަކަށް ޝެއާ އެލޮކޭޓް ކުރާގޮތަށް އިންނާނީ،" ޖުވޭރިޔާ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ހިއްސާއަށް އެދޭ ފަރާތްތަކަށް ހިއްސާ އެކަށައެޅުމުގައި އިސްކަން ދޭއިރު އެއްވެސް ފަރާތަކުން ފަހު ވަގުތަށް މަޑުނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ވިދާޅުވި އެވެ.

"އަވަހަށް ވަޑައިގެންފައި އަވަހަށް އެކަންކަން ނިންމަވާށޭ. މީގަ އެންމެ ފަހުވަގުތު ހުންނަވައިފިއްޔާ ކުކުޅަށް ވީހެން ވެދާނެ އޭ،" ރާޒީ ވިދާޅުވި އެވެ.

އެމްޑީ އިސްމާއިލް ވަހީދު ވިދާޅުވީ ފުރަތަމަ ކުރިމަތިލާ ފަރާތްތަކަށް ހިއްސާ އެކަށައެޅުމަށްފަހު ބާކީ ހުރެއްޖެނަމަ އެ ހިއްސާއަށް ހަދާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި "މޭޖާ ޝެއާ ހޯލްޑަރެއް ނާންނާނެ އޭ" ދަންނަވަން ނުކުރޭނެ ކަމަށެވެ.

ދިރާގުގައި އޮންނަ ހިއްސާގެ ތެރެއިން 15 ޕަސެންޓް ހިއްސާ ވިއްކާލުމުން ސަރުކާރުން ހޯލްޑް ކުރާނީ 33 ޕަސެންޓް ހިއްސާ އެވެ. އަދި އެންމެ ބޮޑު ހިއްސާއެއް އޮންނަ ކޭބަލް އެންޑް ވައާލަސްއިން 52 ޕަސެންޓް ހިއްސާ އެވެ.

ހިއްސާއަށް ހުށަހެޅި ފޯމް 15 ޕަސެންޓަށް ވުރެ އިތުރުވެއްޖެ ނަމަ ބާކީ އޮތް 33 ޕަސެންޓް ހިއްސާގެތެރެއިންވެސް އާންމުންނަށް ހިއްސާ ވިއްކާނެ ކަމަށް ރާޒީ ވިދާޅުވި އެވެ. ރައީސް ވެސް ރޭ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބާކީ ހިއްސާވެސް ވިއްކުން ކަމަށެވެ.

ދިރާގުގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ތެރެއިން މި އަހަރު އިތުރަށް ހިއްސާ ވިއްކައިގެން 1.46 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ.

ދިރާގުން ބުނީ ހިއްސާ އަށް ފޯމު ލާއިރު ހިއްސާ ގަތުމަށް ދައްކާ ފައިސާގެ ތެރެއިން ހިއްސާ އެކަށައަޅާ ނިމޭއިރު ހިއްސާ ލިބޭނެ އަދަދު އެދިފައިވާ ވަރަށް ވުރެ މަދުވެއްޖެ ނަމަ ބާކީ ހުރި ފައިސާ ރިފަންޑް ކޮށްދޭނެ ކަމަށެވެ.
ދިރާގުން ހިއްސާ ވިއްކަނީ ބީއެމްއެލް މެދުވެރިކޮށެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 30 އަށް ހިއްސާ ގަތުމަށް އެދޭ ފޯމް ބީއެމްއެލް އިންނާއި ދިރާގުގެ އޮފީސްތަކުން ލިބެން ހުންނާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް