އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިއުލާން ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް މަޖިލީހުން ވަނީ އިއުލާން ކޮށްފައި --- ފައިލް ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނަރަލްގެ އޮފީސް އޮޑިޓް ކޮށްދޭނެ އޮޑިޓަރެއް ހޯދަން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފިއެވެ.

މަޖަލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮޑިޓް ޖެނަރަލް އޮފީހުގެ އަހަރީ އޮޑިޓް ކުރުމަށް ހުޅުވާލުމުން ތިން ފަރާތަކަށްވުރެން މަދުން ކުރިމަތިލުމުން އަލުން ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމުގެ ޕްރެކްޓިސިން ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން ފީއެއްގައި އޮޑިޓަރ ޖެނަރަލްގެ އޮފީސް އޮޑިޓްކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑީ ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވެސް މަޖިލީހުން ކުރި އިއުލާނުގައި ވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް އޮޑިޓްކުރާ ތަނެވެ. އޮޑިޓް ގާނޫނު ބުނާ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރާނެ އޮޑިޓަރެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

comment ކޮމެންޓް