މޫސުމަށް އަންނަ ބަދަލާއެކު ކޮފީ ހުސްވެދާނެކަމުގެ ބިރު!

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކޮންމެ ދިމާއަކުންވެސް ދަނީ ފެންނަމުންނެވެ. އާންމު ދިިރިއުޅުމަށްވެސް އެކަމުގެ އަސަރު ކުރަމުންދާއިރު މިކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭނީވެސް ހަމަ އިންސާނުންނެވެ.

މޫސުމަށް އަންނަ ބަދަލާއެކު ދުނިޔޭގައި ހައްދާ ކޮފީގެ ބާވަތްތަކުގެތެރެއިން ދެބައިކުޅަ އެއްބައި ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް މިހާރު ވަނީ ބެލެވިފައެވެ. ދުނިޔޭގައި ކޮފީގެ 124 ބާވަތެއް ހުންނައިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި ބާވަތްތައް އެއްކޮށްހެން ހުސްވެދާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ބޮޑެތި ބިޔަ ޖަންގަލިތަކުގައި 100 އަށް ވުރެ ގިނަ ބާވަތުގެ ކޮފީ ހެދެނީ ގުދުރަތުން، އާންމުކޮށް ދަނޑުވެރިން ކުރާ މަސައްކަތަކާ ނުލައެވެ. މީގެ ތެރޭގައި އާންމުކޮށް އަހަރެމެން ބޯން ބޭނުންކުރާ ބާވަތްތަކުގެ ކޮފީވެސް ހިމެނެއެވެ.

"ވައިލްޑް ކޮފީ އަކީ ކޮފީގެ ބާވަތްތައް ދިގު މުއްދަތަކަށް ހެއްދުމަށް މުހިއްމު އެއްޗެއް. އެކަމަކު ވައިލްޑް ކޮފީގެ ބޮޑު ބައެއް ނެތިދާނެކަމުގެ ބިރު ވަނީ ހީވެފައި،" ސައިންޓިސްޓުން ބުނެފައިވެއެވެ.

ކޮފީ ހުސްވެދާނެކަމުގެ ބިރަށް ކޮފީ ގަހުގެ އާބާދީ އިތުރު ކުރަން ޖެހިފައިވާ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ. ކޮފީގެ ބައެއް ބާވަތްތައް ކުރިއަށް އޮތް 10 ވަރަކަށް އަހަރުތެރޭ ހުސްވެދާނެކަމަށްވެސް ވަނީ ބެލެވިފައެވެ. ވައިލްޑް ކޮފީގެ ގޮތުގައި 122 ވައްތަރެއްގެ ކޮފީ ހެދޭކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ބްރެޒިލް، ވިއެޓްނާމް، ކޮލަމްބިއާ، އިތިއޯޕިއާ ފަދަ ގައުމުތަކަކީ އެންމެ ގިނައިން ކޮފީ ހައްދާ ގައުމުތަކެވެ.

comment ކޮމެންޓް