މޯދީއާ ދެކޮޅަށް ކުރި މުޒާހަރާގައި ބައި މިލިއަން މީހުން ބައިވެރިވެއްޖެ

ކަލްކަތާގައި މޯދީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ބައި މިލިއަން މީހުން ބައިވެރިވި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޖެނުއަރީ 20): އިންޑިއާގެ ކަލްކަތާގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގައި ބައި މިލިއަނެއް ހައި މީހުން ބައިވެރިވެއްޖެއެވެ.

އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް އިއްޔެ "ޔުނައިޓް އިންޑިއާ"ގެ ނަމުގައި ބޭއްވި މުޒާހަރާގައި 20އަށް ވުރެ ގިނަ ޕާޓީން ބައިވެރިވިއެވެ.

"މޯދީ ސަރުކާރުގެ މުއްދަތު ވަނީ ހަމަވެފައި،" ވެސްޓް ބެންގާލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމްތާ ބެނަރުޖީ ވިދާޅުވިއެވެ.

ބެނަރުޖީ ލަފާ ކުރެއްވި ގޮތުގައި އެމުޒާހަރާގައި ހަތަރު މިލިއަން މީހުން ބައިވެރިވާނެއެވެ. ނަމަވެސް ކަލްކަތާގެ ފުލުހުންގެ ވެރިޔާ ރާޖީވް ކުމާރު ވިދާޅުވި ގޮތުގައި މުޒާހަރާގައި ބައިވެރިވީ 500،000 މީހުންނެވެ.

އެމުޒާހަރާގައި ސަރުކާރުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ބައިވެރިވެވަޑައިނުގަންނަވައެވެ. ނަމަވެސް އެޕާޓީގެ ކުރީގެ ލީޑަރު ސޯނިއާ ގާންދީ ވަނީ އެމުޒާހަރާއަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

އިއްޔެ ގުޖުރާތުގައި ހުންނެވި މޯދީ ވަނީ އެއީ އިދިކޮޅު ޕާޓީތަކުން އަމިއްލަ މަސްލަހަތު އިސްކޮށްގެން ބޭއްވި މުޒާހަރާއެއް ކަމަށް ވިދާޅުވެފައެވެ.

"އެއީ އަޅުގަނޑާ ދެކޮޅު އެލަޔަންސެއް ނޫން، އެއީ އިންޑިއާއާ ދެކޮޅު އެލަޔަންސެއް،" މޯދީ ވިދާޅުވިއެވެ.

ދެހާސް ސާދަވަނަ އަހަރު ބޮޑު ތަފާތަކުން ވެރިކަމަށް އައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ދަނީ ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުންނާއި އިގުތިސާދީ ހަމަހަމަކަން ކުޑަވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން ބީޖޭޕީ ވަނީ ނާކާމިޔާބުވެފައެވެ. އެސްޓޭޓުތަކުގެ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރީ ކޮންގްރެސް އިންނެވެ.

comment ކޮމެންޓް