"ލިބެމުން ދިޔައީ ޖިންސީ ފުރައްސާރަކަން އެނގުނީ އަށް އަހަރު ފަހުން"

ބޮލީވުޑް އެކްޓްރެސް ސުވަރާ ބާސްކަރު

ޑައިރެކްޓަރެއްގެ ފަރާތުން ލިބެމުން ދިޔައީ ޖިންސީ ފުރައްސާރަކަން އެނގުނީ އޭގެ އަށް ވަރަކަށް އަހަރު ފަހުން ކަމަށް ބޮލީވުޑް ބަޠަލާ ސުވަރާ ބާސްކަރު ބުނެފިއެވެ.

ސްވަރާ މިހެން ބުނެފައި ވަނީ ހޮލީވުޑްގެ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ ހަޔާތުގެ މައްޗަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން އެއްގައި ވާހަކަ ދައްކަމުންނެވެ.

ސްވަރާ ބުނީ އޭނާއަށް މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ލިބުނުކަން ނޭނގި އެހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައީ އެކަމަށް ކުޑައިރުން ފެށިގެން ހޭލުންތެރިވެފައި ނެތުމުން ކަމަށެވެ.

"ގާތްގަނޑަކަށް ހައެއް ނުވަތަ އަށް ވަރަކަށް އަހަރު ފަހުން އަހަންނަށް މި އެނގުނީ އޭރު އަހަންނަށް މި ކުރިމަތިލާން ޖެހުނީ ޖިންސީ ފުރައްސާރަކަން. އެއީ އެހެން ބަޔަކު މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރައިގެ ވާހަކަ ދައްކާ އަޑު އިވުމުން،" ސްވަރާ ބުންޏެވެ.

ސްވަރާ ބުނީ އޭނާއަށް އޭރު އެކަން ނުވިސްނުނީ އެ ޑައިރެކްޓަރު އޭނާގެ ގައިގައި އަތްލާފައި ނުވާތީ ކަމަށާއި، އެހިސާބަށް ކަންކަން ދިއުމުގެ ކުރިން އޭނާއަށް އެ ޑައިރެކްޓަރުގެ ކިބައިން ސަލާމަތް ވެވުމުން ކަމަށެވެ.

އެ ޑައިރެކްޓަރުގެ ނަން ނުވަތަ އެހެންވެސް މައުލޫމާތެއް 'ވީރޭ ދީ ވެޑިންގެ'ގެ އެކްޓަރު ހާމަކޮށްފައެއް ނުވެއެވެ.

ސްވަރާ ވަނީ ކުޑައިރުން ފެށިގެން ޖިންސީ ގޯނާ އާއި ފުރައްސާރައަށް އަންހެން ކުދިން ހޭލުންތެރި ކުރުވުމުން ކުޑަ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް