ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ބޮޑު ބައެއް އަދާކުރީ އެމްޑީޕީން: ރައީސް

އެމްޑީޕީ ޕްރައިމެރީއަށް ފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އަދި ރައީށް ނަޝީދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ބޮޑެ ބައެއް އަދާކުރީ އެމްޑީޕީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށްފަހު އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިން އޮތް ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގެނައީ ރައްޔިތުން ވަރަށް ފޮނި އުންމީދުތަކަކާއެކު ކަމަށެވެ. އެކަންކަން ހާސިލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގެ ބޮޑުބައެއް އަދާކުރީ އެމްޑީޕީން. މިއީ ހަގީގަތް. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑުބައެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއީދުކުރާ އަދި ހާއްސަކޮށް "އެމްޑީޕީގެ މެމްބަރުންވެސް މަޖިލީހުގައި ތިބެގެން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް ކުރިމަތި ލައިގެން ހުންނެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ މިދަނީ ޑިމޮކްރެސީއަކަށް ފައްކާވަމުން ކަމަށެވެ. އަދި އެކަމުގައި އެންމެ މުހިންމު ދައުރެއް މިހާތަނަށްވެސް އަދާކުރަމުން އައީ އެމްޑީޕީން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މިއަދު އެނެއްކާވެސް ތި ދެއްކެވީ އަޅުގަނޑުމެން ޑިމޮކްރެސީއަށް މި ޕާޓީގައި އޮތް ރައްޓެހިކަން. ނަމޫނާ ދައްކަވަންވީ މިފަދަ ކަންކަމުން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިއަދު ބޭއްވި އެމްޑީޕީ ޕްރައިމެރީގައި ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަން ވަރަށް ސާފުކޮށް ފެނިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަ ކުރުމައްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެނިގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް