ޒިނޭއާ ގުޅިގެން ދެއްކި ވާހަކަތައް އޮޅިވަޑައިގެންފި ނަމަ މައާފަށް އެދެން: ނަޝީދު

ރައީސް ނަަޝީދު މަޖިލީހަށް ވާދަ ކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޒިނޭއަށް ހިތްވަރު ލިބޭ ގޮތަށް އެމަނިކުފާނު ދެއްކެވި ކަމަށް ބުނާ ވާހަކަތައް އޮޅިވަޑައިގެންފި ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޒިނޭ ކުރުމަށް ނަޝީދު ހިތްވަރު ދެއްވި ކަމަށް ވާހަކަ ދެކެވުނީ، އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ ކައިވެނި ނުކުރާ އަންހެނުންނަށް ދަރިން ނުލިބޭ އޮޕަރޭޝަން ކުރަން ފުރުސަތު ދިނުން ކަމަށް ވިދާޅުވުމުންނެވެ.

އެކަމާ ގުޅިގެން މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒިނޭ ކުރުމަށް ހިތްވަރު ދިނުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް ބާރު އަޅުއްވާ ކަމެއް ނޫން ކަމަށެވެ.

އަދި އެމަނިކުފާނު އެ ދުވަހު ވާހަކަފުޅު ދެއްކެވި އިރު އިޝާރާތް ކުރެއްވީ ކައިވެނިން ބޭރުން ދަރިން ލިބި އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވިއެވެ. އެކަން އޮޅިވަޑައިގަންނަވާ ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓޭއްގެ ކެމްޕެއިން އިވެންޓެއްގައި ނަޝީދު ވިދާޅުވީ "ނުވިހާ ގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން" ކަމަށާއި "ދިމާވެގެން މި އުޅޭ މައްސަލައަކީ ކައިވެނި ނުކޮށް، ދަރިން ހޯދާތީ" ކަމަށެވެ.

"ދެން ދާ ކޮންމެ ފަހަރަކު އެބަ ބުނޭ، އެހެނެއް ނުހަދައިދެވޭނެއޭ، އަޅުގަނޑު އެބަދަން ވަރަށް ގިނަ ކުދީން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ [ނުވިހާ ގޮތް ހަދައެއް ނުދެވޭނެއޭ]. އޭނާ މީހަކާ އިނދެގެނޭ އޭނާ އަށް ނުވިހާ ގޮތް ހެދޭނީ. ދެން މީގެ އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން، އެނޫން ގޮތެއް މިއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.

"ކައިވެނީގެ ބޭރުން މި ކުއްޖެއް މި ހޯދަނީ، ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެން މީހާ ވެސް ހަދައިގެން. އަޅުގަނޑަށް އެނގޭ ފިރިހެން މީހާގެ ވެސް ވަރަށް ވަރަށް ބޭވަފާތެރިކަމާއި އަދި ބޭއިންސާފުކަމާ އެކީގައި މިކަން މި ހިގަނގަނީ. އަޅުގަނޑުމެން ހަގީގަތުގައި މި ބަލަން މި ބޭނުން ވަނީ އެދެ މީހުންނެއް ނޫން، ވިހާލު،" ނަޝީދު ވިދާޅުވި އެވެ.

ޒިނޭއަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. މީގެ ކުރީންވެސް ދީނީ ބައެއް ކަންކަކަމާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

comment ކޮމެންޓް