އިންޑިއާގެ ދީނީ ލީޑަރު ރާމް ރަހީމް ސިންހު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ރޭޕްގެ ކުށް ސާބިތުވި އިންޑިއާގެ ދީނީ ލީޑަރު ރާމް ރަހިމް ސިންގް--

ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ދީނީ ހަރުކަށި ޖަމާތެއް ކަމަށްވާ ޑެރާ ސައްޗާ ސޯދާގެ ލީޑަރު ރާމް ރަހީމް ސިންހު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ހަރުޔާނާގެ ކޯޓެއްގައި ރާމް ރަހީމް އުމުރަށް ޖަލަށް ލާން ހުކުމް ކުރީ އިތުރު ތިން މީހަކާ ގުޅިގެން 2002 ވަނަ އަހަރު ނޫސްވެރިޔާ ރާމް ޗަންދަރު ޗަތުރަޕަތީއަށް ބަޑިން ހަމަލާދީ މަރާލި މައްސަލައިގަ އެވެ. އެމައްސަލައިގައި އަނެއް ތިން މީހުން ވެސް ވަނީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެހަތަރު މީހުންގެ މައްޗަށް ހުކުމް ކުރީ ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި، ޖަލުގައި ބައިތިއްބައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި އެހުކުމް ކުރުމުގެ ކުރިން ހަރިޔާނާ އާއި ޕަންޖާބުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ރާމް ރަހީމް މިހާރުވެސް ގެންދަނީ އޭނާއަށް ތަބާވާ ދެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އެހުކުމް އިއްވި ދުވަސްވަރު އޭނާގެ ސަޕޯޓަރުން ވަނީ ހަރުޔާނާ ސްޓޭޓުގައި އެތައް ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ޗަތުރަޕަތީ މަރާލީ، ޑެރާ ސައްޗާ ސޯދާގެ ހެޑްކުއާޓާގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެ އެ ނޫހަށް އާންމު ފަރާތަކުން ފޮނުވި ސިޓީއެއް، އޭނާ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނޫސް ކަމަށްވާ "ޕޫރާ ސާޗާ"ގައި ޝާއިއު ކުރުމުންނެވެ.

ޑެރާ ސައްޗާ ސޯދާ އަކީ ވަކި ދީނަކަށް ނިސްބަތް ނުވާ އަމިއްލަ ދީނީ ހަރަކާތެކެވެ. އެ ޖަމާއަތުން ބުނާ ގޮތުން އެ ޖަމާއަތަށް ތަބާވާ 50 މިލިއަނެއްހާ މީހުން އުޅެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް