އިންޑިއާއިން ރާއްޖެއައި ކާގޯ ބޯޓަކުން ދެކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއައި ކާގޯ ބޯޓަކުން 2.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ އިއްޔެ މޯލްޑިވްސް ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް އިން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެ ތަކެތި ފެނފައިވަނީ އެ ބޯޓު ބަލާ ފާސްކުރި އިރު މުދާތަކުގެ ތެރޭގައި ފޮރުވައިފައި ހުއްޓާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އިއްޔެ އަތުލައިގަނެވުނު މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

އަދި ފަހުން އެ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމައްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް