ޓެކްސް ނިޒާމު އިސްލާހު ކުރަން ކޮމެޓީއެއް އުފައްދައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް އިސްލާހުކުރުމަށް ކޮމެޓީއެއް އެކުލަވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އޮފިޝަލުންނާއި އޮޑިޓަރުން އަދި އަމިއްލަ ވިޔަފާރިވެރިންނާއި ގާނޫނީ ބޭފުޅުން ހިމަނައިގެން އެކުލަވާލެއްވި ކޮމެޓީގެ މަސައްކަތަކަށް ވާނީ ޓެކްސްގެ ނިޒާމު އިސްލާހު ކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރުމާއި، ޓެކްސްގެ ގާނޫނު ތަންފީޒު ކުރުމަށް މަސައްކަތް ކުރާ މިންވަރު ބެލުން ކަމަށެވެ.

ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ޓެކްސްގެ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މީގެ ކުރިން ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޓެކްސްގެ އިދާރާ، މީރާއަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށާއި މީރާ އުފެދިގެން އައީ ވިޔަފާރިތަކަށް ހުރަސް އަޅައި ދަތިކުރަން ނޫން ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މީރާގެ މަގުސަދަކަށް ވާން ޖެހޭނީ ވިޔަފާރިވެރިން ލައްވައި ވިޔަފާރި ކުރިއަރުވައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ.

https://sun.mv/113246

comment ކޮމެންޓް