އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރި: ޝިދާތާ

ޖެންޑަ ފެމިލީ އެންޑް ސޯސިއަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު -- ފޮޓޯ/ ޖެންޑަ މިނިސްޓްރީ

އިންތިހާބުތަކުގައި ވާދަކުރުމުގެ އެއްވެސް ހުރަހެއް އަންހެނުންނަށް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއިކުރުމަށް ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ފުރުސަތު ކުޑަ ކަމަށެވެ. ސިޔާސީ މަސައްކަތުގައި އަންހެނުން އިސް ދައުރެއް އަދާކުރި ނަމަވެސް ސިޔާސީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިގްތިޞާދީ ގޮތުންނާއި މުދަލުގެ އޯނާޝިޕް އޮތުމުގައި އަންހެނުންގެ ހިއްސާ ކުޑަކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭތޯ، މިއީ ސުވާލަކަށް ވެގެންވެސް ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު ސަފުތައް އަތުރާލުމުގައި ތަފާތުތަކެއް އެބަހުރި ކަމަށާއި، އަދި މިއަދު ފެނިގެންދަނީ އަންހެނުން ސަފާ ހަމަކުރާތަން ކަމަށްވެސް ޝިދާތާ ރޭ ވިދާޅުވިއެވެ.

comment ކޮމެންޓް