ޕާކިސްތާނުގައި މާލީ ބަޔާން ހާމަ ނުކުރި 332 ޕާލިމެންޓު މެމްބަރުން ސަސްޕެންޑުކޮށްފި

މާލީ ބަޔާން ހާމަ ނުކޮށްގެން ސަސްޕެންޑު ކުރި މެމްބަރުންގެ ތެރޭގައި އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗޯދުރީ (ކ) އާއި ޕީއެމްއެލް-އެންގެ މެމްބަރު އަހުސަން އިގުބާލު ހިމެނޭ -- ފޮޓޯ: ޑޯން

އިސްލާމްއާބާދު (ޖެނުއަރީ 17): ޕާކިސްތާނުގެ ޕާލިމެންޓުގެ 332 މެމްބަރުން މާލީ ބަޔާން ހާމަ ނުކުރެއްވުމުން މަގާމުން ސަސްޕެންޑުކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަން (އީސީޕީ)އިން ބުނި ގޮތުގައި އެގައުމުގެ 1،174 މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު މާލީ ބަޔާން ހާމަ ކުރެއްވީ 839 މެމްބަރުންނެވެ. އެހެންކަމުން ބާކީ 332 މެމްބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ.

އޭގެ ތެރޭގައި ޕާލިމެންޓުގެ ތިރީގޭގެ 72 މެމްބަރުންނާއި ސެނެޓުގެ 20 މެމްބަރުންނާއި ހަތަރު ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ 240 މެމްބަރުން ހިމެނެ އެވެ.

މީގެ އިތުރުން ސަސްޕެންޑު ކުރި މެމްބަރުންގެ ތެރޭގައި ފެޑެރަލް އިންފޮމޭޝަން މިނިސްޓަރާއި ހެލްތް މިނިސްޓަރާއި ޕާލިމެންޓުގެ ނައިބު ރައީސްވެސް ހިމެނެއެވެ.

އީސީޕީން ނެރުނު ބަޔާނުގައި ވަނީ ކޮންމެ ޕާލިމެންޓު މެމްބަރަކުވެސް އަހަރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި މިހާރު ސަސްޕެންޑު ކޮށްފައިވާ މެމްބަރުން މާލީ ބަޔާން ހާމަ ކުރަން ދެން ތިއްބަވާނީ ސަސްޕެންޝަންގައި ކަމަށް ބުނެފައެވެ.

comment ކޮމެންޓް