ހުޅުމާލޭ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ހޮސްޕިޓަލް -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހިންގި މަރާމާރީއެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:18ގައި ކަމަށެވެ. އަދި އޭގެ ގަޑިއެއްހާ އިރު ފަހުން އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެގައި ހިންގި މަރާމާރީއާ ގުޅިގެން އަނިޔާވި ދެ ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 17 އަހަރުގެ ދެ ކުއްޖެއް ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށެވެ.

އަނިޔާވެގެން ގެންގޮސްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖަކާއި ގދ. ރަތަފަންދޫ ކުއްޖެއް ކަމަށް އާސިޔާ ވިދާޅުވި އެވެ. އޭގެ ތެރެއިން އިމަޖެންސީގައި ފަރުވާ ދެމުން އަންނަނީ ރަތަފަންދޫ ކުއްޖާ އަށް ކަމަށް އާސިޔާ ވިދާޅުވި އެވެ.

އަދި އަނެއް ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު އޭނާއަށް ފުރުވާ ދެމުން ދަނީ ޑްރެސިން ރޫމްގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގައި ވެސް ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފަ އެވެ. ނަމަވެސް އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް