އިރާނުގެ ޕްރެސް ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކު އެމެރިކާއިން ހައްޔަރުކޮށްފި

އެމެރިކާއިން ހައްޔަރުކޮށްފައިވާ ޕްރެސް ޓީވީގެ ނޫސްވެރިޔާ މާޒިއާ ހާޝިމީ -- ފޮޓޯ: ފޭސްބުކް

ތެހެރާން (ޖެނުއަރީ 16): އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކު އެމެރިކާއިން ހައްޔަރުކޮށްފި އެވެ.

ޕްރެސް ޓީވީން ބުނާ ގޮތުގައި އެފްބީއައި އިން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި މާޒިއާ ހާޝިމީ އަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ ވަނީ އިސްލާމް ދީން ގަބޫލު ކުރުމަށް ފަހު 2008 ވަނަ އަހަރު އީރާނަށް ބަދަލުވެފަ އެވެ.

ޕްރެސް ޓީވީން ބުނާ ގޮތުގައި ހާޝިމީ އެމެރިކާއަށް ދިޔައީ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރުމަށެވެ. ނަމަވެސް އޭނާ އެއާޕޯޓެއް ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވާ ކަން އެނގުނީ 48 ގަޑި އިރު ފަހުން ކަމަށް ބުނެފަ އެވެ.

އެނޫހުން އިތުރަށް ބުނި ގޮތުގައި ހާޝިމީ ހައްޔަރު ކޮށްފައިވާ ޖަލުގައި އޭނާގެ ބުރުގާ ވަނީ ގަދަކަމުން ނަގައިފަ އެވެ. އަދި އޭނާ ނަމާދު ކުރުން ހުއްޓުވައި، ކާން ދެނީ ހަމައެކަނި އޫރު މަސް އަޅާފައިވާ ކާނާ ކަމަށް ޕްރެސް ޓީވީން ރިޕޯޓު ކުރި އެވެ.

އޭގެ ސަބަބުން އޭނާ ދެ ދުވަސް ވަންދެން ކައިފައި ވަނީ ހަމައެކަނި ބިސްކޯދު ކަމަށް ވެސް އެނޫހުން ބުނެ އެވެ.

ހާޝިމީ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އާއި އީރާނުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މިމަހުގެ ކުރީކޮޅު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާ ވަނީ އީރާނުން މެދުއިރުމަތީގެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އަދި މިދިޔަ އަހަރު އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

comment ކޮމެންޓް