ލަނޑާ ނަގަން އުޅުނު އިތުރު މީހަކު ގެއްލިގެން ހޯދަން ފަށައިފި

ނ. މަނަދޫ --

ނ. މަނަދޫ ދެކުނު ފަރާތަކަށް ހުއިފިލަނޑާ ނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ލަނޑާ ނަގަން އެރި އުޅުނު ދެ މީހެއްގެ ތެރެއިން އެކަކު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ނ. މިލަދޫ އަށް ނިސްބަތްވާ އަބްދުﷲ ޝާވިން 24، ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޝާވިން ގެއްލުނު އިރު ލައިގެން އޮތީ ކަޅު ޖޯޒީ އަކާއި ފެހިކުލަ އާއި ހުދާއި އަޅު އެކުލެވޭ ސޯޓެއްގެ އިތުރުން އަޅު މާސްކަކާއި ކަޅު އަދި ހުދު ފިންސެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ޝާވިން ގެއްލިގެން އެމްއެންޑީއެފް ކޯސްޓުގާޑަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:14 ހައިރު ކަމަށާއި އޭނާ ލަނޑާ ނަގަން ދިޔައީ "މަލަކު މެލަޑީ" ކިޔާ ދޯންޏަކުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ޝާވިން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު ރ. ވަންދޫ ކައިރިން ލަނޑާ ނަގަން އެރި އުޅުނު މީހަކު ވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފަ އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ، ރ. އަތޮޅުގެ ފަޅު ރަށެއްގައި ހުއްޓަ އެވެ.

comment ކޮމެންޓް