"ސްރީދޭވީ ބަންގަލޯ" ގޮވައިގެން ބޯނީ ކަޕޫރު ކޯޓަށް!

ޕްރިޔާ މަލަޔާލަމް --

އެއް ލޯ މަރާލައިގެން މަޝްހޫރުކަން ހޯދި ޕްރިޔާ މަލަޔާލަމް އެކްޓަރު ޕްރަކާޝް ވޭރިއަރުގެ ފުރަތަމަ ބޮލީވުޑް ފިލްމު 'ސްރީދޭވީ ބަންގަލޯ'ގެ ޓީޒާ އާންމު ކުރުމާ އެކު ގިނަ ބަޔަކު ރުޅިގަދަވެއްޖެ އެވެ.

ޕްރަސާންތު މަމްބުލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގެ ޓީޒާ އާންމު ކުރީ އާދީއްތަ ދުވަހު އެވެ.

އެއް މިނެޓު 49 ސިކުންތުގެ އެ ޓީޒާ އިން ދޭހަވަނީ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކުރީގެ ބޮލީވުޑް ބަތަލާ ސްރީދޭވީގެ މަރުގެ މައްޗަށް ކަމަށެވެ.

ސްރީދޭވީ މަރުވީ މިދިޔަ އަހަރުގެ ކުރީކޮޅު ދުބާއީގެ ހޮޓަލެއްގެ ފާހާނައިގެ ޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. ފިލްމުގައި ޕްރިޔާ ފެނިގެން ދަނީ އެކަނިވެރި ބަތަލާއެއްގެ ރޯލުންނެވެ. އަދި އޭނާ މަރުވަނީ ވެސް ހޮޓަލެއްގެ ބާތު ޓަބެއްގެ ތެރޭގައި ކަން ޓީޒާ އިން އެނގެ އެވެ.

ފިލްމުގެ ޓީޒާ ބެލުމަށް ފަހު ސްރީދޭވީގެ ފިރިމީހާ އަދި ޑައިރެކްޓަރު ބޯނީ ކަޕޫރު ވަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކޮށްފައި ކަމަށެވެ. އަދި ފިލްމާ ދެކޮޅަށް އޭނާ ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ސްރީދޭވީގެ ނަން ބޭނުންކޮށްގެން އެފަދަ ވާހަކައެއްގެ މައްޗަށް ފިލްމެއް ހެދި އިރު ސްރީދޭވީގެ އާއިލާގެ ފަރާތުން ހުއްދަ ވެސް ހޯދައިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކުގެ ޖަވާބުގައި ޑައިރެކްޓަރު މަމްބުލީ ބުނީ ސްރީދޭވީ އަކީ ވަރަށް އާންމު ނަމެއް ކަމަށާއި އަދި ފިލްމުގައި ޕްރިޔާގެ ކެރެކްޓަރު އެކްޓަރަކަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.

އެވާހަކަ ބޯނީ ކަޕޫރު ގާތުގައި ވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ސްރީދޭވީގެ މަރުގެ މައްޗަށްތޯ ސުވާލު ކުރުމުންް ޕްރިޔާ އަދި އޭނާގެ ބައްޕަ ވެސް ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް އިންކާރު ކޮށްފަ އެވެ.

comment ކޮމެންޓް