ލޯބިވެރިޔަކު ހުއްޓަސް އަންކިތާ އަދި ކައިވެންޏަށް ތައްޔާރެއް ނޫން!

އަންކިތާ --

ޒީޓީވީ އިން ގެނެސްދިން ޑްރާމާ ސިލްސިލާ 'ޕަވިއްތުރަ ރިޝްތާ' އިން މަޝްހޫރު ވެގެން ދިޔަ ބަތަލާ އަންކިތާ ލޮކަންޑޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ރިޕޯޓުތަކަށް އޭނާ ޖަވާބުދީފި އެވެ.

އަންކިތާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ބިލަސްޕޫރުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ވިކީ ޖެއިން އާއެވެ. ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއު އެއްގައި އަންކިތާ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އަންކިތާ ބުނީ ލޯތްބަކީ އޭނާއަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި އޭނާ ވެސް މިހާރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އަދި އެއީ ބިލަސްޕޫރުގެ ވިޔަފާރިވެރިއެއް ކަމަށް ވެސް އަންކިތާ ވަނީ ބުނެފަ އެވެ.

އަންކިތާ ވިކީ އާއި ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާއި ވަކިވުމަށް ފަހު އެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، އެ ދެމީހުން އަދި ކައިވެންޏަށް ތައްޔާރު ނޫން ކަމަށް އަންކިތާ ބުންޏެވެ.

"ކައިވެނި ކުރަން ނިންމުމުން އެކަން ހާމަކުރާނަން،" އަންކިތާ ބުނެފައިވެ އެވެ.

އަންކިތާ ބުނީ ކައިވެނި ކުރުމަކީ އޭނާ އެންމެ ކުރިން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ނަމަވެސް މިހާރު ކައިވެންޏަށް ވުރެ މުހިންމު ކަންކަން އެބަހުރި ކަމަށާއި މިހާރު ހުރިހާ ސަމާލުކަމެއް ދޭނީ މަސައްކަތަށް ކަމަށެވެ. އަންކިތާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފިލްމު، 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. ކަންގަނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އަންކިތާ އަދާކުރާނީ ސަޕޯޓިން ރޯލެކެވެ.

comment ކޮމެންޓް