ޓޮޓެންހަމްގެ ސްޓްރައިކަރު ހެރީ ކޭންގެ ތަނބިކަށްޓަށް ލިބުނު ގެއްލުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ޓޮޓެންހަމްއާއި މެންޗެސްޓަރ ޔުނއަިޓެޑް އެންމެ ފަހުން ބައްދަލު ކުރި މެޗުގެ ފަހުވަގުތު ލިބުނު އަނިޔާގެ ސަބަބުން ކޭން ވަނީ ދަނޑުން ބާލާފައެވެ. އަދި އިތުރު ޓެސްޓުތައް ކުރުމަށްފަހު މާރޗް މަހުގެ ނިޔަލަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޓޮޓެންހާމް އިން ވަނީ ބުނެފައެވެ.
އިނގިރޭސި ވިލާތުގެ ކެޕްޓަން ކަންވެސް ކުރަމުން އަންނަ 25 އަހަރުގެ ކޭން މި ސީޒަންގައި ޓޮޓެންހާމަށް 20 ގޯލު ޖަހައިދީފައެވެ. ނަމަވެސް އަންނަ މަހު ޗެންޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއަރ ޑޮޓްމަންޑް އާއި ބައްދަލު ކުރަން ޖެހޭ ދެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
މީގެ އިތުރުން އިނގިރޭސި ލީގު ކަޕުގެ ދެވަނަ ސެމީ ފައިނަލުގައި ޗެލްސީއާއި ވާދަ ކުރަން ޖެހޭ މެޗުގައި ވެސް ކޭން އަކަށް ނުކުޅެވޭނެއެވެ.
ޓޮޓެންހަމް 0-1ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ސްޕާސްގެ ކޯޗު ބުނެފައިވަނީ ހެރީ ކޭންއަށް ކޮށްފައި ވަނީ ބޮޑު ފައުލެއް ކަމަށާއި މެޗުގެ ރެފްރީއަށް އެމަންޒަރު ފެނިފައި ނުވާ ކަމަށް ބުނި ކަމަށެވެ.
މިވަގުތު ސްޕާރސް އޮތީ ޕްރިމިއަރ ލީގުގެ ތިންވަނައިގައެވެ. އެންމެ ފަހުން ކުޅުނު މެޗުން ބަލިވެ ލީގުގެ ލީޑަރު ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ވަނީ ނުވަ ޕޮއިންޓަށް ބޮޑު ވެފައެވެ.
މައުރިސިއޯ ޕޮޗެޓީނޯއަަށް މިވަގުތު ވަނީ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ދަތިކަން ކުރިމަތި ވެފައެވެ. ކޭންގެ އިތުރުން މޫސާ ސިސޯކޯ ވެސް މިވަގުތު ހުރީ އިންޖަރީގައެވެ. މީގެ އިތުރުން ސަން ހެންގް މިން މިވަގުތު ހުރީ އޭނާގެ ގައުމީ ޓީމާއި އެކުގައެވެ. އެއީ މިހާރު ކުރިޔަށް ދާ އޭސިއަން ކަޕުގައި ވާދަކުރުމުގެ ގޮތުންނެވެ.
ޔޫރޯ ކޮލިފައިންގައި އިނގިރޭސި ވިލާތުން ޗެކް ރިޕަބްލިކާ ދެކޮޅަށް މާޗް މަހުގެ 25 ގައި ކުޅެން ޖެހޭއިރު ކޭން ނެތުމަކީ އެ ގައުމުގެ ގިނަ ބަޔަކު ފިކުރު ބޮޑުވެފައިވާ ކަމެކެވެ.