ޝަހީމް އޯއައިސީގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފި

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ ވަޒީފާއަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނުކުންނަވަން ފައްޓަވައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަހީމް ފޭސްބުކުގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު އޭނާ އޯއައިސީގެ ވަޒީފާ އަދާ ކުރައްވަން ފެއްޓެވިކަން ހާމަކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ ޕޯސްޓުގައި އޯއައިސީގެ އޮފީހުގައި އޭނާ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ.

ޑރ. ޝަހީމް އޯއައިސީ އޮފީހުގައި

ރާއްޖެވެސް ހިމެނޭ ގޮތަށް ދުނިޔޭގެ 58 އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ޝަހީމް އެޑްވައިޒަރުކަން ކުރައްވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

އޯއައިސީގައި މަސައްކަތް ކުރެއްވުމަށް ސައުދީއަށް ފުރާވަޑައިގަންނަވަމުން ޝަހީމް ވިދާޅުވެފައި ވަނީ އޭނާ ގައުމާއި ދީނަށް ހިދުމަތް ކުރާނެ ކަމަށެވެ. އަދި ގިނަ ގިނައިން ގައުމަށް އަންނާނެ ކަމަށާއި، ދީނީ ފޯރަމްތައް ފަދަ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތައް ގަބޫލު ކުރައްވާނެ ކަމަށެވެ.

"ދުރުގައި ހުއްޓަސް އަދިވެސް ހިތާއި ރޫހު ވަނީ މި ލޮބުވެތި ފަހުރުވެރި ދިވެހި ރާއްޖެއާ އެކު އެވެ. އިސްލާމް ދީނާއި ދިވެހި ގައުމަށް ހިދުމަތް ކުރާނަމެވެ." އޭނާ ވިދާޅުވި އެވެ.

ރ. ޝަހީމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގެންނެވި އިރު، ރާއްޖޭގެ ކުރީގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރުވެސް ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް