މިހާތަނަށް އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހެޅުއްވީ ހަތަރު މިނިސްޓަރުން

ނޮވެމްބަރ 19، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

އޯޑިޓާ ޖެނެރަލްގެ އޮފީހަށް މާލީ ބަޔާން ހުށަހަޅާފައި ވަނީ ހަތަރު މިނިސްޓަރުން ކަން މިއަދު އެ އޮފީހުން ހާމަކޮށްފި އެވެ.

ގާނޫނު އަސާސީގެ 138 ވަނަ މާއްދާގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އަހަރަކު އެއްފަހަރު އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅަން ވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި އެ ކަން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް ލާޒިމު ކުރެ އެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ހުރިހާ ވަޒީރުންގެ މާލީ ބަޔާން މި މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

އެހެން ނަމަވެސް، މިއަދު އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ އޮފީހަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ، އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރި އިރު މިނިސްޓަރުންގެ ތެރެއިން އޮޑިޓް އޮފީހަށް މާލީ ބަޔާން އަދި ހުށަހަޅާފައި ވަނީ ހަތަރު މިނިސްޓަރުންކަން ވަނީ ހާމަކޮށްފަ އެވެ. ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ވެސް އަދި އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅާފައި ނުވެ އެވެ.

އޮޑިޓް އޮފީހަށް މިހާތަނަށް މާލީ ބާޔާން ހުށަހެޅީ، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ހުރިހާ ވަޒީރުންގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރި ނަމަވެސް، އެ ބަޔާންތައް ތަފްސީލު ނޫން ކަަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ.

އެ ބޭފުޅުންގެ އިތުރުން ދެން އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅަން ގާނޫނު ލާޒިމް ކުރަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެެމްބަރުންނަށާއި ި ޕްރޮސެކިއުޓާ ޖެނެރަލަށެވެ.

އޭގެ ތެރެއިން އޭސީސީގެ އެއްވެސް މެމްބަރަކު އަދި މާލީ ބަޔާން ހުށަހަޅާފައި ނުވާ އިރު އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފަ އެވެ. ޖޭއެސްސީގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ވަނީ ގާސިމް އިބްރާހިމް އެކަންޏެވެ. މި މަހުގެ ތިން ވަނަ ދުވަހު ޕީޖީ ބިޝާމްވެސް ވަނީ މާލީ ބަޔާން ހުށަހަޅުއްވާފަ އެވެ.

comment ކޮމެންޓް