ގުލެންއާ ގުޅުން ހުރި 192 މީހަކު ތުރުކީން ހައްޔަރު ކުރަނީ

ތުރުކީ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި 2016 ވަނަ އަހަރު އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ފަހަތުގައި ހުރީ ފަތުހުﷲ ގުލެން -- ފޮޓޯ: ރޮއިޓާސް

އިސްތަންބޫލް (ޖެނުއަރީ 15): ދެހާސްސޯޅަ ވަނަ އަހަރު ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ދީނީ އިލްމުވެރިޔާ، ފަތުހުﷲ ގުލެންއާ ގުޅުން ހުރި ކަމަށް ބެލެވޭ 192 މީހަކު ހައްޔަރު ކުރަން އެގައުމުން އަމުރުކޮށްފި އެވެ.

ތުރުކީގެ ނޫހެއްގައިވާ ގޮތުން އެގައުމުގެ ތިން ޕްރޮވިންސަކުން ހައްޔަރު ކުރަން އަމުރު ކުރި މީހުންގެ ތެރޭގައި 100 އަށް ވުރެ ގިނަ ސިފައިން ހިމެނެ އެވެ.

ނަމަވެސް ތުރުކީގެ ޗީފް ޕްރޮސިކިއުޓާސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުން އަމުރު ނެރެފައި ވަނީ 50 ސިފައިންނާއި، އެގައުމުން މަނާކޮށްފައިވާ މެސެޖިން އެޕެއް ކަމަށްވާ ބައިލޮކް ބޭނުން ކުރި 55 މީހަކު ހައްޔަރުކުމަށެވެ.

ތުރުކީން ވަނީ 15 ޖުލައި 2016ގައި އެގައުމަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ވާހަކަ ދެއްކީ ބައިލޮކް މެދުވެރިކޮށް ކަމަށް ބުނެ އެއެޕް މަނާކޮށްފަ އެވެ.

އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ހުރި ގުލެން ވަނީ އޭނާގެ މައްޗަށް ތުރުކީން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެބަޣާވާތާ ގުޅިގެން ތުރުކީން ވަނީ 77،000 އަށް ވުރެ ގިނަ މީހުން ޖަލަށް ލައި، 150،000 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން މަގާމުން ދުރުކޮށް ނުވަތަ ސަސްޕެންޑުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް