ޑްރަގާ އެކު ހައްޔަރު ކުރި އެމްބިއުލައިންސް ޑްރައިވަރު ސަސްޕެންޑް ކޮށްފި

ހުޅުމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ވަނީ މަސަތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ސަސްޕެންޑް ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ހައްޔަރު ކޮށްފައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މައްސަލައާ ގުޅުގެން ފުލުހުން ވަކި އެއްޗެއް އަންގަންދެން އޭނާ ގޭގައި މަޑުކޮށްލުމަށް އަންގާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑްރައިވަރު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކުރި ބަލި މީހަކު ގޮވައިގެން އައިސް ހުއްޓަ އެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޑްރައިވަރު ހައްޔަރު ކުރި ނަމަވެސް އެ ރޭ އެމްބިއުލައިންސް ދުއްވާފައި ވަނީ ސީނިއާ ޑްރައިވަރު ކަމަށް އާސިޔާ ވިދާޅުވި އެވެ. އަދި ހައްރުކުރި ޖޫނިއާ ޑްރައިވަރު ހުރީ އެހީތެރެއެއްގެ ގޮތުގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ އެމްބިއުލައިންސް ޑަރައިވަރު ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލުގައި ހުއްޓަ އެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތީތެ ދެ ޕީސް ކޮޅު ފެނިފައިވާކަން ވަނީ އެނގިފަ އެވެ.

އޭނާ މިހާރު ދޫކޮށްލާފައި ހުރި ނަމަވެސް އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް