ޅެންވެރިންގެ ދުވަސް ޔޫސުފް މުހައްމަދުފުޅުގެ ޅެންތަކަށް ހާއްސަކޮށްފި

މަރުހޫމު ޔޫސުފް މުހައްމަދު ފުޅު --

މިއަދު ފާހަގަ ކުރާ ޅެންވެރިންގެ ދުވަހުގެ ޅެންތައް މަޝްހޫރު ޅެންވެރިޔާ އަދި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމު ޔޫސުފް މުހައްމަދު ފުޅުގެ ޅެންތަކަށް ހާސްކޮށްފި އެވެ.

މިއަދު ފާހަގަކުރާ ޅެންވެރިންގެ ދުވަހުގެ މުނާއްސަބަތުގައި މިނިސްޓަރު އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ދެއްވި ހިތާބުގައި ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރެވިފައި ވަނީ މަޝްހޫރު އެދުރުބެ މަރުހޫމު ޔޫސުފް މުހައްމަދުފުޅުގެ ޅެންތަކަށް ކަމަށެވެ.

އެގޮތުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހުރިހާ ހަރަކާތެއް ބާއްވާނީ ޔޫސުފް މުހައްމަދުފުޅުގެ އުފަން ރަށް ރ. އިނގުރައިދޫގައި ކަމަށް ޔުމްނާގެ ހިތާބުގައި ވިދާޅުވި އެވެ.

ޔޫސުފް މުހައްމަދުފުޅު ވަނީ ގިނަ ޅެންތަކެއް އަދަބިއްޔާތަށް ދޫކުރައްވައިފަ އެވެ.

ޔުމްނާ ވިދާޅުވީ ޅެންވެރިކަމަކީ ކޮންމެ އަދަބިއްޔާތެއްގެ އެންމެ ފަށުވި ފަންނު ކަމަށެވެ. އެ ފަންނު ދިރުވައި އާލާކުރުމަކީ އަދަބިއްޔާތުގެ ފަންނުވެރިންގެ ޒިންމާއެއް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ. ޅެން، ރައިވަރު ފަދަ ހުރިހާ އެއްޗަކީ ވެސް ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ ތަރިކައެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ޅެންވެރިކަމުގެ މަސައްކަތް ކުރާ ހުރިހާ ޅެންވެރިންގެ އަގުވަޒަން ކުރަންޖެހޭ. އެބޭފުޅުންނަށް ޝުކުރާއި ތައުރީފު ދަންނަވަން ޖެހޭ." ޔުމްނާގެ ހިތާބުގައި ވިދާޅުވި އެވެ.

ޅެންވެރިކަމުގެ ދުވަހުގެ މުނާއްސަބަތުގައި މިރޭ ރަސްރަނި ބަގީޗާގައި ހާއްސަ ހަފްލާއެއް ބޭވުމަށް ދިވެހި ބަހުގެ އެކަޑަމީން ދަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް