ލޯނެއް ނުދައްކައިގެން ޕާމް ބީޗު ރިސޯޓް ވިއްކާލަން އިއުލާންކޮށްފި

ޕާމް ބީޗު ރިސޯޓު ހިންގާ ޅ. މަދިރިގުރައިދޫ ---

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ ލޯނެއް އަނބުރާ ދައްކާފައި ނުވާތީ، އެ ލޯނު ނެގުމަށް ރަހުނުކޮށްފައި އޮތް ޅ. މަދިރިގުރައިދޫ ވިއްކާލުމަށް އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ލޯނު ނަގާފައިވަނީ ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑާއި މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.

ޅ. މަދިރިގުރައިދޫއަކީ ޕާމް ބީޗު ރިސޯޓު ހިންގާ ރަށެވެ. އެ ރަށުގެ ލީސްހޯލްޑަރަކީ މއ. ނޫރީ، އިބްރާހިމް އަލި މަނިކެވެ.

އެސްބީއައިއިން ކުރި އިއުލާނުގައި ބުނާ ގޮތުގައި ޅ. މަދިރިގުރައިދޫގެ ރިޒާވްޑް ޕްރައިސްއަކީ 539.7 މިލިޔަން ރުފިޔާ އެވެ. އެއީ 35 މިލިޔަން ޑޮލަރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓު ބުނާ ގޮތުގައި އެ ރަށުގައި ހިންގާ ޕާމް ބީޗު ރިސޯޓުގައި 135 ކޮޓަރިއާއި 270 އެނދު ހުރެ އެވެ.

އެސްބީއައިގެ އިއުލާނުގައި ބުނީ ޕާމް ބީޗު ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކުން އަގާއެކު އައިޑީކާޑުގެ ކޮޕީއެއް ނުވަތަ ކުންފުންޏަކުން ނަމަ ކުންފުނީގެ ރެޖިސްޓްރީ ސެޓްފިކޭޓުގެ ކޮޕީއާ އެކު ސިޓީއުރައެއްގައި ބަންދުކޮށް، އެސްބީއައި ހިންގާ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ހުންނަ ލޮކްޑް ބޮކްސްއަށް ލުމަށް އެދޭ ކަމަށެވެ.

އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ގެރެންޓީއެއްގެ ގޮތުގައި 10،000 ޑޮލަރު ދޭންޖެހޭނެ ކަމަށް އެސްބީއައިއިން ބުންޏެވެ.

މަދިރިގުރައިދޫ ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ލިބުނީ ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލަި މަހު ކުރި ހުކުމަކާ ގުޅިގެންނެވެ.

comment ކޮމެންޓް