އަސާސީ ބައެއް ހިދުމަތްތައް ޖީއެސްޓީއިން އިސްތިސްނާއެއް ނުވި

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީން، އިސްތިސްނާވާ ނުވަތަ ސުން ރޭޓް އައިޓަމްތަކެއް ވަނީ ގާނޫނުގައި ބަޔާކޮށްލިޔެފައެވެ. އެއިން ގިނަ ތަކެއްޗާއި ހިދުމަތަކީ އަސާސީ ގޮތުގައި ބަލާ ތަކެއްޗެވެ.

އޭގެތެރޭގައި މުއާސަލާތާއި ފެނާއި ނަރުދަމާ އާއި ކަރަންޓާއި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް އެބަހުއްޓެވެ. އަސާސީ ތަކެތީގެ ގޮތުގައި ބެލެވޭ 17 އައިޓަމަކުންވެސް ޖީއެސްޓީ ނެގުން މުޅިން މަނަލެވެ. ނަމަވެސް ޖީއެސްޓީން އިސްތިސްނުވާ ބައެއް ކަންތައްތަކާއި ބާވަތްތަކުގެ ތެރޭގައި އަސާސީ ކަންތައްތަކުގެ ގޮތުގައި ބެލެވޭ ހިދުމަތްތަކެއްވެސް އެބަހުއްޓެވެ.
"އޭގެ (ޖީއެސްޓީ އިސްތިސްނާގެ) ތެރޭގައި ޑޮމެސްޓިކް ޓްރާންސްޕޯޓް ހިމެނިގެންދާކަހަލަ ގޮތަކަށް ހިމަނައިފިއްޔާ ރަނގަޅު. ޓްރާންސްޕޯޓް މިހާރު ވަދެފައި މި އޮންނަނީ ޓޫރިޒަމްގެ ތެރެއަށް. 2013 ވަނަ އަހަރު ޓޫރިޒަމް ޓެކްސްގެ ރޭޓް ބޮޑުވެގެން ދާއިރު ޓްރާންސްޕޯޓުގެ ރޭޓް އެހެން އެއްޗެއްސަށް ވުރެ ބޮޑުވެގެން ދާނެ. ޓޫރިޒަމްގެ ރޭޓަށް ވެއްޓިގެންދާނެ،. ހަޕަސެންޓުގެ ބަދަލުގައި 8 ޕަސެންޓަށް އަރައިގެންދާނެ 2013 ން ފެށިގެން،" ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު މިއަދު ވިދާޅުވި އެވެ. "އެކަން މިހާރު އޮންނާނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައި، އެކަމަށް އެޑްރެސްކުރުމުގެ މަސައްކަތް އެބަ ހިނގާ،"

އަސާސީ މުހިންމު ބައެއް ކަމަށް ވާ ދަތުރު ފަތުރުގެ ހިދުމަތް އިސްތިސްނާ ކުރުމަށް މީރާއިން ވެސް މިސްރާބު ހިފާފައިވާއިރު ޖީއެސްޓީގެ ގާނޫނު ބައްޓަންކޮށްފައިވާ ގޮތުން ވިކުރާގެ ހިސާބުތަކަށް ދުވާލަކަށް 2740ރ. ލިބޭނަމަ ޓެކްސީ ދަތުރުތަކުންވެސް ޖީއެސްޓީ ނަގަން ޖެހޭނެއެވެ. އޭގެ ބޭރުން ވެސް ވިކުރާގެ ގޮތުގައި އެ މިންވަރު ހަމަވާނަމަ ވިލިމާލެއާއި އެއާޕޯޓު ފެރީގެ ދަތުރުތަކުން ވެސް ޖީއެސްޓީ ނަގަންޖެހޭނެއެވެ. އަދި ޑޮމެސްޓިކް ފުލައިޓުތަކުގެ ދަތުރުތަކުން ވެސް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު ކޮންސަރންއަކީ...ދެން ކޮންމެ ގޮތެއްވިޔަސް ޓެކްސް އައިމަ އެމީހުންނަށް ޖެހޭނެ އެތަންތަނުން އޭގެ (އަގުގެ) މައްޗަށް ޓެކްސް އެއްކުރަން ނޫނީ އެމީހުންގެ ފައިދާއިން އެލިބޭ އެތިކޮޅުގެ ތެރޭގައި ޓެކްސް ކޮޅު ހިމަނާލަން. އެބޭފުޅުންނަށް ވެސް އޮންނާނީ އަގުބޮޑުވުން ނޫނީ ސާވިސްދޭ މީހުން އެ ގެއްލުން ބޮލުގައި އެޅުން،" ޔަޒީދު ވިދާޅުވި އެވެ.

އެ އިޝޫއަށް އެޑްރެސް ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ޢާދިލް ސަލީމް މިއަދު ވިދާޅުވީ ތައުލީމާއި ސިއްހަތާއި ދެންވެސް ހުރި އަސާސީ ބައެއް ހިދުމަތްތަކުން ޖީއެސްޓީ ނުނަގާއިރު ޓްރާންސްޕޯޓުން ޖީއެސްޓީ ނެގުމުން ހިދުމަތުގެ އަގު ބޮޑުވެ އަސާސީ އެހެނިހެން ހިދުމަތްތަކާ ހަމައަށް ރައްޔިތުން ވާސިލުވުމުގައި ދަތިތަކެއް ހުންނާނެއެވެ.
"އެ ހިދުމަތްތަކަށް ނުނަގާ، އެ ހިދުމަތްތައް އަގުހެޔޮ ކުރުމުގެ ބޭނުމުގައި، މިހާރު ރާއްޖެ ބައްޓަން ވަމުން ދާ ގޮތުން ދަތުރުފަތުރާ ނުލައި ހިދުމަތްތަކަކަށް ނުދެވޭނެ. ދަތުރުފަތުރުގެ ހިދުމަތް އަގުބޮޑުވެއްޖިއްޔާ މީގެ އެފެކްޓް އެހެން ހިދުމަތްތަކުގެ އަގަށް ވެސް ބޮޑުވާނެ،" އާދިލް ވިދާޅުވި އެވެ.

އެ އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ "ސަރުކާރު ތެރެއިން އެކަމަށް ހައްލެއް" ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމައްވެސް އާދިލް ވިދާޅުވި އެވެ.

ސުން ރޭޓް ޖީއެސްޓީގެ ކެޓަގަރީން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބޮޓްލްޑް ވޯޓަރ ނޫނީ ބަންދުކޮށްފައި ހުންނަ ފެން އެކަޓަގަރީން ބޭރުވެ ޖީއެސްޓީ ނަގަން ޖެހުމެވެ. ގިނަ ގޭބިސީތަކުގައި ވޯޓަރ ސަޕްލައިފެނުގެ ބަދަލުގައި ބޯން ބޭނުން ކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. ނަމަވެސް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ޖީއެސްޓީ ދައްކަން ނުޖެހޭއިރު ފެން ފުޅިން ޖީއެސްޓީ ނެގުމުން، ޖީއެސްޓީން އިސްތިސްނާވާ ބާވަތްތަކެއް އޮތުމުގެ މަގުސަދު ހާސިލްވާ ކަމާމެދު ސުވާލުއުފެދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް