ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ

ޕީޕީއެމް އިން މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އަދި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، މިއަދު "ސަން" އަށް ވިދާޅުވީ، މިރޭ 9:00 ގައި އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

"އެޖެންޑާގައި އޮތީ ކޮންކަމެއް ކަން އަޅުގަނޑަށް އެނގޭނީ މިރޭ ބައްދަލުވުމަށް ދިޔައީމަ،" ކޮން ކަމަކާ ގުޅިގެން ބާއްވާ ކައުންސިލް ބައްދަލުވުމެއްތޯ ދެންނެވުމުން ނިހާން ވިދާޅުވިއެވެ.

މިރޭ ޕީޕީއެމް ގެ ކައުންސިލް ބައްދަލުވުމެއް ބާއްވާއިރު، އެ ޕާޓީގެ މިލްކުވެރިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ.

ޕީޕީއެމްގެ މުސްތަގުބަލެއް ނެތް ކަމަށް ބުނެ، ޕީޕީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ (އަދުރޭ) ދަނީ އާ ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިދިޔަ ބުދަ ދުވަހު އަދުރޭ ވަނީ އިލެކްޝަންސް ކޮމިޝަނަށް 3،000 މީހުން ސޮއިކޮށްފައިވާ ފޯމް ހުށަހަޅުއްވާފައެވެ. ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.

comment ކޮމެންޓް