އެފްއޭއެމްގެ އެކްސްކޯ އަށް ކޮކީ، މުފާ އަދި ހާނިމް އައްޔަން ކޮށްފި

އެކްސްކޯ އަށް އައްޔަން ކޮށްފައި ވަނީ މާޒިޔާގެ ހުސެއިން ޝިފާއު އާއި ކްލަބް އީގަލްސްގެ މުފާވިޒް ހާޝިމް އަދި މުހައްމަދު ހާނިމް (ފޮޓޯ: އީގަލްސް، މާޒިޔާ)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް، މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އާއި ކްލަބް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އައްޔަން ކޮށްފި އެވެ.

އެފްއޭއެމުން ބުނީ އެ މެމްބަރުން ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ މެމްބަރަކު މަގާމުން ވަކިވެއްޖެ ހާލަތެއްގައި އެ މަގާމަކަށް ހިންގާ ކޮމިޓީގެ އިއްތިފާގުން މެމްބަރަކު އައްޔަން ކުރެވިދާނެ އެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އާންމު ޖަލްސާއެއްގައި މެމްބަރު ކްލަބްތަކުގެ ތާއީދު އެ ފަރާތަކަށް އޮތްތޯ ބެލުމަށް ވޯޓަކަށް އަހަންވާނެ އެވެ.

އެފްއޭއެމްގެ މައި އިދާރާ

އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް މި ތިން މެމްބަރުން އައްޔަން ކުރުމާ އެކު މިހާރު ހިންގާ ކޮމިޓީގައި ހިމެނޭނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އެއީ ރައީސް ބައްސާމް އަދީލް ޖަލީލް، ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝާކީބް، ވައިސް ޕްރެޒިޑެންޓް އައިޝަތު ނާޒިމާގެ އިތުރުން މެމްބަރުންގެ ގޮތުގައި ހިމެނޭ މުހައްމަދު އަލީ، މުއާޒް ރަޝީދު، މުހައްމަދު ޝިފާއު، ހުސެއިން ޝާފިއު، މުފާވިޒް ހާޝިމް އަދި މުހައްމަދު ހާނިމް އެވެ.

އެ ތިން މެމްބަރުން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައި ވަނީ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަލީ ޝާހު އަދި ހަނިމާދޫ ދާއިރާގެ ހުސެއިން ޝާހުދީ މަގާމުން ދުރުކުރުމަށްފަހުގަ އެވެ.

އެ ތިން މެމްބަރުން ހިންގާ ކޮމިޓީން ވަކިކޮށްފައި ވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖެ އިން ބޭރަށް އަމިއްލަ އަށް އަރުވާލެވިގެން ތިބުމުގެ ސަބަބުން ހިންގާ ކޮމިޓީގެ ގިނަ ބައްދަލުވުންތަކަކަށް ހާޒިރުވެފައިނުވާތީ ކަމަށް އެފްއޭއެމުން ބުންޏެވެ.

comment ކޮމެންޓް