ގައުމީ އަދި ހާއްސަ އިނާމު ދެ މުނާސަބަތެއްގައި ގެންދިޔުމުގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމީ އިނާމާއި ހައްސަ އިނާމާ ބެހޭ ކޮމިޓީ އާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގައުމީ އިނާމާއި ޚާއްސަ އިނާމު ދެ މުނާސަބަތެއްގައި ގެންދިޔުމުގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހް ވަނީ މިއަދު ރައީސް އޮފީހުގައި އަލަށް އެކުލަވާލި ގައުމީ އިނާމާ ބެހޭ ކޮމިޓީއާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައ،ި ގައުމީ އިނާމާއި ހާއްސަ އިނާމު ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން ދެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް ދެއްވުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

ގައުމީ އިނާމާއި ޚާއްސަ އިނާމު މީގެކުރިން ބާއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިއަދު އިނާމާ ބެހޭ ކޮމިޓީތަކާ ބައްދަލުކޮށް، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އަދި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިސްލާހުތައް ގެންނެވުމަށާއި، ހާއްސަކޮށް ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވާސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ކޮންމެވެސް ހަމަޖެހޭ އުސޫލަކުން އެ ދަރިވަރުންގެ ވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީ އެކުލަވާލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

https://sun.mv/113846

comment ކޮމެންޓް