އަހަރުގެ ބޮޑު ފިލްމު ކުރިއަށް، "ގޮށްރާޅު" ބަލަންވީ ސަބަބުތައް!

"ގޮށްރާޅު"ގެ މަންޒަރެއް--

ޑާކްރެއިން އެންޓަޓެއިންމަންޓްއިން މިއަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމަކީ "ގޮށްރާޅު"އެވެ. "ގޮށްރާޅު" އަކީ މަސައްކަތުގެ މާހައުލުގައި މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެކެވެ.

މި ފިލްމަކީ ތަފާތު ޖޯންރާއަކަށް ޑާކްރެއިން ޓީމުން އުފައްދާ ފިލްމެކެވެ. މި ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން ފިލްމުގެ ޓީމުން ދެއެވެ.

"ހަމަ ޔަގީނުންވެސް މިވާނީ މިއަހަރު ނުކުންނަ އެންމެ ވަރުގަދަ ފިލްމަށް. މިއީ ތޯތޯ ވާހަކައެއް ނޫން. މީހުން އާޝޯހުކޮށްލާނެ މޮޅު ފިލްމަކަށް މި ފިލްމު ވާނެ،" ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

"ގޮށްރާޅު"ގެ މަންޒަރެއް--

ގޮށްރާޅު ބަލަންވީ ސަބަބުތައް

"ގޮށްރާޅު" އަކީ ޑައިރެކްޓަރު އަހުމަދު ޝިނާނުގެ ފިލްމެކެވެ. ފިލްމު "4426"ގެ ވިޝުއަލް އިފެކްޓްސް "ސަޅި" ވާހަކައަކީ މިއަދުވެސް ބެލުންތެރިން ދައްކާ ވާހަކައެކެވެ. އެ ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް ޝިނާން ފުރިހަމަކަމާއެކީ ނިންމާލިއިރު "ގޮށްރާޅު" އަކީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. އޭނާގެ ޑައިރެކްޝަންގެ ދަށުން މި ފިލްމު ތައްޔާރުކުރި އިރު މި ފިލްމުން އެ ތަފާތު ދައްކާނެއެވެ.

މޫމިން ފުއާދަކީ ގިނަ ޑައިރެކްޓަރުންނާއި ތަރިންގެ ވެސް ފޭވަރިޓެކެވެ. މި ފިލްމަކީ މޫމިންގެ ވާހަކައަކަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ، ފިލްމު "ހެޕީ ބާތް ޑޭ" އަށްފަހު ލިޔުނުއިރު މި ވާހަކައިގެ ބޮޑު މަންޒަރު ފެންނާނީ މިއަންނަ މަހު ރިލީޒްކުރާ "ގޮށްރާޅު" އިންނެވެ.

"ގޮށްރާޅު"ގެ މަންޒަރެއް--

ޕްރޮޑިއުސަރު މޮގާ ބުނީ އަންނަ މަހު ހަތަރުވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ޒުވާނުންގެ އިތުރުން ހުރިހާ ބޭފުޅުންނަށްވެސް ބަލާލެވޭނެ ވަރުގަދަ ފިލްމެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ސްޓޫޑިއޯއެވެ. ބެލުންތެރިންގެ އިތުބާރު ލިބިފައިވާ ސްޓޫޑިއޯއެކެވެ. މޮޅު ފިލްމުތަކެއް އުފައްދާ ބައެކެވެ. މިދިޔަ އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެކަން ވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.

"ގޮށްރާޅު" އަޅުވަން ނިންމާފައިވަނީ ހަވީރު 16:00، ރޭގަނޑު 21:00 އަދި ރޭގަނޑު 23:00 ގައެވެ.

"ގޮށްރާޅު"ގެ މަންޒަރެއް--

ފިލްމުގެ ޝޫޓިން މަސައްކަތް ނިމި ޝައުގުވެރި ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލާފައި ވާއިރު ބެލުންތެރީން އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޮގާ "ސަން" އަށް ބުނީ މި ފިލްމަކީ ބެލުންތެރިން މާޔޫސްކޮށްނުލާނެ ވަރުގަދަ ފިލްމެއް ކަމަށެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް---

"ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރު ހުންނާނެ. ބެލުންތެރިން މާޔޫސްނުވާނެ ކަމުގެ ޔަގީންކަން ދެން. ތަފާތު މޮޅު ދިވެހި ފިލްމެއް ބަލާލަން ބޭނުންވާނަމަ މި ފިލްމު ބަލާލާ،"

މި ފިލްމަކީ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.

comment ކޮމެންޓް