މެސެޑޯނިއާގެ ނަން ބަދަލުކުރަން ޕާލިމެންޓުން ރުހުން ދީފި

މެސެޑޯނިއާގެ ބައެއް މީހުން ވަނީ ގައުމުގެ ނަން ބަދަލު ކުރުމަކީ ގައުމަށް ގައްދާރު ވުން ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

ސްކޯޕިއާ (ޖެނުއަރީ 12): މެސެޑޯނިއާގެ ނަން ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާއަށް ބަދަލުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 120 މެމްބަރުންގެ ތެރެއިން 81 މެމްބަރުން ވަނީ އިއްޔެ އެގައުމުގެ ނަން ބަދަލުކުރުމަށް ވޯޓު ދީފަ އެވެ. އަދި އެނިންމުމާ ދެކޮޅު މެމްބަރުން ވަނީ ވޯޓު ބޯއިކޮޓް ކޮށްފައެވެ. އެފަރާތްތަކުން ވަނީ ގައުމުގެ ނަން ބަދަލުކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ބުނެފައެވެ.

މެސެޑޯނިއާއިން އެގައުމުގެ ނަން ބަދަލުކުރަން ނިންމާފައި ވަނީ މިދިޔަ ޖޫން މަހު އެގައުމުން ގްރީސްއާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މެސެޑޯނިއާއިން ނަން ބަދަލު ކުރުމުން ގްރީސްއިން ވަނީ އެގައުމު އީޔޫއާއި ނޭޓޯގެ މެމްބަރަކަށް ވުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނެފައެވެ.

މެސެޑޯނިއާގެ ނަމާ ބެހޭ ގޮތުން އެދެ ގައުމުގެ މެދުގައި ދެބަސްވުން އުފެދިފައި ވަނީ ގްރީސްގައިވެސް މެސެޑޯނިއާ ކިޔާ ޕްރޮވިންސެއް އޮންނާތީއެވެ. އަދި ގްރީސްގެ އަވަށްޓެރި ގައުމުން މެސެޑޯނިއާގެ ނަން ބޭނުން ކުރުމަކީ މެސެޑޯނިއާ ޕްރޮވިންސުގެ ސަގާފަތަށާއި އަމިއްލަވަންތަކަމަށް ރަނގަޅު ގޮތެއް ނޫން ކަމަށް ގްރީސްއިން ބުނާތީއެވެ.

އެމައްސަލައިގެ ސަބަބުން މީގެ ކުރިން ގްރީސްއިން ވަނީ މެސެޑޯނިއާ، އީޔޫއާއި ނޭޓޯގެ މެމްބަރަކަށްވުން ހުއްޓުވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް