އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ 22 ދުވަސްވެއްޖެ

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމާ ގުޅިގެން 800،000 މުވައްޒަފުންގެ މުސާރަ ނުދެވޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖެނުއަރީ 12): އެމެރިކާގެ ބަޖެޓް ފާސްނުވުމުގެ ސަބަބުން ފެޑެރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ 22 ދުވަސްވެއްޖެ އެވެ.

އެއީ އެގައުމުގެ ތާރީހުގައިވެސް ސަރުކާރު އެހާ ގިނަ ދުވަހަކަށް ހުއްޓުމަކަށް ގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާ ސަރުކާރުގެ އޮފީސްތައް އެންމެ ގިނަ ދުވަސް ވަންދެން ބަންދު ކުރީ 1995 އާއި 1996އާ ދޭތެރޭ 21 ދުވަހަށެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ބިލް ކްލިންޓަން އެވެ.

އައު މާލީ އަހަރު ފެށުނުއިރު އެމެރިކާގެ ފެޑެރަލް ބަޖެޓް ފާސްނުވުމުގެ މައްސަލަ އުފެދުނީ މެކްސިކޯއާއި އެމެރިކާގެ ސަރަހައްދީ ރޮނގު ބަންދުކުރުމަށްޓަކައި އެތަނުގައި ފާރެއް ރޭނުމަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރު ބަޖެޓްގައި ހިމެނުމަށް ކޮންގްރެސްގެ ތިރީގެއިން ދެކޮޅު ހެދުމުންނެވެ.

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓުންނަށް މަޖިލީހުގެ ތިރީގެއިން މެޖޯރިޓީ ލިބުނު އިރު ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ވަނީ ސެނެޓުގެ އަގުލަބިއްޔަތު ދިފާއުކޮށްފަ އެވެ.

އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ގިނަ އޮފީސްތައް ބަންދު ކުރުމުގެ ސަބަބުން އަހަރުގެ ފުރަތަމަ މުސާރަ ނުލިބުނު މުވައްޒަފުންގެ އަދަދު 800،000އަށް އަރަ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި އެއާޕޯޓުގެ މުވައްޒަފުންނާއި އެފްބީއައި އޭޖެންޓުން ހިމެނެ އެވެ.

އޭގެ ސަބަބުން ކޮންގްރެސްގެ ތިރީގެ އާއި ސެނެޓުން ވަނީ ސަރުކާރު ހުޅުވުމާއެކު ހުރިހާ މުވައްޒަފުންނަށް މުސާރަ ކަށަވަރުކޮށްދޭ ބިލެއް ފާސްކޮށްފަ އެވެ.

މެކްސިކޯގެ ބޯޑަރުގައި ފާރެއް ރޭނުމާ ބެހޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓުންނާ ދެމެދު އެއްބަސްވުމަކަށް އައުމަށް އަދި ކައިރިވެސް ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ޓްރަމްޕް ވަނީ ކޮންގްރެސްއިން ފާރަށް ފައިސާ ކަނޑަނާޅައިފި ނަމަ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.

comment ކޮމެންޓް