ޕެރިސް (ޖެނުއަރީ 12): ފްރާންސުގެ ވެރިރަށް ޕެރިހުގެ ބޭކަރީއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން 20 މީހުންނަށް އަނިޔާވެއްޖެ އެވެ.
ޕެރިހުގެ ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެބޭކަރީގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވޭ އެވެ. އެ ހާދިސާގައި ބޭކަރީ ކައިރީ ހުރި އިމާރާތްތަކަށާއި އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ބައެއް ފަޔާފައިޓަރުން ވެސް ހިމެނެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާ ހިނގާފައި ވަނީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އަދި ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަހައްދެއްގަ އެވެ.
ޕެރިހުގައި އެހާދިސާ ހިނގީ ފްރާންސުގެ އެކި ސަރަހައްދުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. ޔެލޯ ވެސްޓްސް މުޒާހަރާގެ ނަން ދީފައިވާ އެމުޒާހަރާތައް ފެށީ ފްރާންސުގައި ތެލުން ނަގާ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށާއި ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ގޮވާލުމަށެވެ.
ނަމަވެސް އެ މުޒާހަރާތަކާ ޕެރިހުގެ ބޭކަރީގައި ހިނގި ހާދިސާއާ ގުޅުމެއްވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ނުވެ އެވެ.