ފިނީގައި މަގުމަތިން އެކަނި ދިޔަ ކުޑަކުއްޖަކު ސަލާމަތް ކުރުމުން އަގުވަޒަންކޮށްފި

ފިނިގަދަ ވަގުތެއްގައި މަގުމަތިން ފެނުނު ކުޑަކުއްޖާ ސަލާމަތް ކުރި ބަސް ޑްރައިވަރު އައިރީނާ އައިވިކް ކުއްޖާ އުރާލައިގެން -- ފޮޓޯ: އެމްސީޓީއެސް

މިލްވޯކީ (ޖެނުއަރީ 12): އެމެރިކާގެ މިލްވޯކީގެ ގަދަ ފިނީގައި އެއް އަހަރު ވެސް ނުވާ ކުޑަކުއްޖަކު މަގުމަތިން ފެނުމުން، އެކުއްޖާ ސަލާމަތް ކުރި ބަސް ޑްރައިވަރުގެ އަގު ވަޒަންކޮށްފި އެވެ.

މިލްވޯކީ ކައުންޓީ ޓްރާންސިޓް ސިސްޓަމް (އެމްސީޓީއެސް)އިން ބުނި ގޮތުގައި މީގެ ދެ ހަފްތާ ކުރިން އެކުޑަކުއްޖާ ފެނުނީ މަގުމަތިން ދުވެފައި ދަނިކޮށެވެ. އެވަގުތު އެކުއްޖާ ހުރީ ބޫޓަކަށް ނާރާ، ހަމައެކަނި ކުޑަ ހެދުންކޮޅެއް ލައްވާފަ އެވެ.

އެބަހުގެ ސީސީޓީވީން ފެންނަ ގޮތުގައި، ކުއްޖާ ފެނުމުން ބަސް ޑްރައިވަރު އައިރީނާ އައިވިކް ވަނީ ބަސް ހުއްޓުވުމަށް ފަހު ކުއްޖާ ނަގަން ގޮސްފަ އެވެ. އަދި ކުއްޖާ ބަހަށް އެރުވުމުން، ފަސިންޖަރަކު ވަނީ އޭނާގެ ކޯޓު ކުއްޖާއަށް ދީފަ އެވެ.

އޭގެ ފަހުން އައިވިކް ވަނީ އެ ކުއްޖާ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެކުއްޖާ ހުރީ ފިނިވެ، ބިރުގަނެފަ އެވެ. ނަމަވެސް ކުއްޖާގެ ހާލު ރަނގަޅެވެ. އަދި އެ ކުއްޖާގެ މަަންމައަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހެއް ކަމަށް ވެސް ބުނެފަ އެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި އެކުއްޖާ މިހާރު ވަނީ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފަ އެވެ.

އައިވިކްގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްސީޓީއެސް އިން ވަނީ އޭނާއަށް އެކްސެލެންސް އެވޯޑު ދީފަ އެވެ. އަދި އައިވިކް ވަނީ މުސްތަގުބަލުގައި ވެސް އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ، އެހީތެރިވާން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް