ދެމަފިރިން މަރާލީ ދަރިފުޅު ކިޑްނެޕްކުރަންކަމަށް އެމެރިކާ ފުލުހުން ހާމަކޮށްފި

އުމުރުން 13 އަހަރުގެ ޖޭމީ ކްލޮސް ފެނިފައި ވަނީ ގެއްލުނުތާ 18 ދުވަސް ފަހުން -- ފޮޓޯ: އެފްބީއައި

މެޑިސަން (ޖެނުއަރީ 12): އެމެރިކާގެ ވިސްކޮންސިންގައި މިދިޔަ އޮކްޓޯބަރު މަހު ދެމަފިރިއަކު މަރާލީ އެދެމީހުންގެ 13 އަހަރުގެ އަންހެން ދަރިފުޅު ކިޑްނެޕް ކުރަން ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ވިސްކޮންސިންގެ ބެރޮންގައި ޖޭމްސް ކްލޮސް އާއި އޭނާގެ އަންހެނުން ޑެނީސް މަރާލާފައި އޮއްވާ ފެނުނީ އެމީހުންގެ ގެއިން ނިމިދިޔަ އަހަރުގެ އޮކްޓޯބަރު 15އިގައެވެ. ނަމަވެސް އެދެމަފިރިންގެ 13 އަހަރުގެ ދަރިފުޅު ޖޭމީ ވަނީ އެދުވަހު ގެއްލިފައެވެ.

ފުލުހުން އޭރު ބުނި ގޮތުގައި ޖޭމީގެ މަންމައާއި ބައްޕަ މަރާލި ވަގުތު އެކުއްޖާ ގޭގައި ހުއްޓެވެ. އަދި އެ ދެ މީހުންގެ މަރާ ގުޅިގެން ޖޭމީގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށާއި އެކުއްޖާ ހޯދުމުގައި އާންމުން އެހީވުމަށް ފުލުހުން އެދުނެވެ.

ޖޭމީ ފެނިފައި ވަނީ އެކުއްޖާ ހޯދާތާ 88 ދުވަސް ފަަހުން، ކްލޮސް އާއިލާގެ ގެޔާ 60 މޭލު އުތުރުގައި އޮންނަ ގޯޑަން ކިޔާ ޓައުންއަކުންނެވެ.

ޖޭމީ ފެނުނީ ގޯޑަންގެ ޓީޗަރެއް ކަމަށްވާ ޖިއަނީ ނަޓާއަށެވެ. ނަޓާ ބުނި ގޮތުގައި ޖޭމީ ކައިރިއަށް ދިޔުމާ އެކު އެކުއްޖާ ވަނީ އެހީއަށް އެދިފަ އެވެ. އަދި އެއީ ގެއްލިގެން ހޯދަމުންދާ ކުއްޖާކަން އެނގުމުން، އަވަށްޓެރި ގެއަކަށް ގޮސް ފުލުހުންނަށް ގުޅަން އެދުނީ އެވެ.

އެމެރިކާގެ ވިސްކޮންސިންގައި ދެމަފިރިއަކު މަރާލައި 13 އަހަރުގެ ޖޭމީ ކްލޮސް ކިޑްނެޕް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކޮށްފައިވާ ޖޭކް ތޯމަސް ޕެޓާސަން -- ފޮޓޯ: އެންވައިޓައިމްސް

ޖޭމީއަށް ފުލުހުންގެ ރައްކާތެރިކަން ދިނުމާއެކު އެކުއްޖާ ވަނީ އޭނާގެ މައިންބަފައިން މަރާލި މީހާ ބޭނުން ކުރާ އުޅަނދު ސިފަކޮށްދީފަ އެވެ. އަފި ފުލުހުން ވަނީ ޖޭމީ ސިފަކޮށްދިން މީހާ ހައްޔަރުކޮށްފަ އެވެ. އެއީ 21 އަހަރުގެ ޖޭކް ތޯމަސް ޕެޓާސަން ކަމަށާއި އޭނާގެ މައްޗަށް މިހާރު މަރުގެ ދައުވާ އާއި ކިޑްނެޕް ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޖޭމީގެ ހާލު ރަނގަޅު ކަމަށާއި އެކުއްޖާ މިހާރު ހުރީ ބޮޑުދައިތަ ކައިރީގައި ކަމަށް ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި ޕެޓާސަން ވަނީ ޖޭމީގެ މަންމަ އާއި ބައްޕަ މަރާލުމަށް ފަހު އެކުއްޖާ އެގޭގައި ހިފަހައްޓާފައެވެ. އަދި ޖޭމީ އެގެއިން ސަލާމަތްވި ގޮތެއް އަދި ޔަގީން ނުވެއެވެ.

ބެރޮން ކައުންޓީ ޝެރިފް، ކްރިސް ފިޓްޒްޖެރަލްޑް ވިދާޅުވި ގޮތުގައި ޕެޓާސަން މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ޖޭމީއާ ވާހަކަ ދައްކާފައި ނުވެ އެވެ. އަދި އެ އާއިލާއާ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމަށް އަދި އެނގިފައި ނުވެއެވެ.

ނަމަވެސް ފުލުހުން ވަނީ ޕެޓާސަންގެ އަތްދަށުން ސަލާމަތްވުމުން ޖޭމީގެ ހިތްވަރަށް ތައުރީފުކޮށްފައެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި މިވާހަކައިގެ ހީރޯއަކީ ޖޭމީ،" ޝެރިފް ފިޓްޒްޖެރަލްޑް ވިދާޅުވިއެވެ.

ފުލުހުން ވަނީ އެމައްސަލައިގައި ޕެޓާސަން ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް