ބާސެލޯނާއަށް އެނބުރި ދިއުމަށްޓަކައި ފަސް ފަހަރު ނޭމާ ގުޅި

ނޭމާ ޖޫނިއަރ

ފުރާންސްގެ ޕީއެސްޖީއާ ގުޅުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ، ބާސެލޯނާއަށް އެނބުރި ދިއުމަށްޓަކައި ފަސް ފަހަރު ނޭމާ އެ ކްލަބަށް ގުޅިކަމަށް ސްޕެއިންގެ މަޝްހޫރު ނޫހަކުން ބުނެފިއެވެ.

ބްރެޒިލްގެ ފޯވަރޑް ނޭމާ ޖޫނިއަރ

ބުރެޒިލްގެ ފޯވަޑް އަދި އެ ޓީމުގެ މިހާރުގެ ކެޕްޓަން ކުރަމުން އަންނަ ނޭމާ ޖޫނިއަރ ބާސެލޯނާއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ކުޅެފައިވަނީ ބްރެޒިލްގެ ސަންޓޮސްއަށެވެ. އެ ޓީމާ އެކު ބޮޑެތި ކާމިޔާބީ ތަކެށް ހޯދުމުގައި އިސްދައުރެއް އަދާ ކުރި ނޭމާ ބާސެލޯނާއަށް ބަދަލު ވެފައިވަނީ 57 މިލިއަން ޑޮލަރަށެވެ.

ބާސެލޯނާގައި އޭނާ ވަނީ އެތަކެށް ކާމިޔާބީތަކެއް ހޯދާ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއި އެއްސަފަކަށް ފައިހަމަކޮށްފައެވެ. ބާސެލޯނާއަށް ހަތަރު އަހަރު ކުޅުމަށްފަހު އޭނާ ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީއާ ގުޅިފައެވެ. ނަމަވެސް މިބަދަލަކީ އޭނާއަށް ފުޓުބޯޅައިގެ ހަޔާތުގައިވެސް ހެދުނު އެންމެ ބޮޑު ގޯސްކަމަށް އޭނަގެ ސަޕޯޓަރުން އަދި ޚުދު ނޭމާވެސް ގަބޫލުކުރެއެވެ.

ނޭމާ އަނބުރާ ބާސެލޯނާއަށް ދިއުގެ އުންމީދު ދުލެއް ނުކުރެއެވެ. އޭގެ ހެއްކަކީ އޭނަގެ ބައްޕަ ދާދި ފަހަކުން ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއޯ ބާޓެމޯއާ ބައްދަލުކޮށް އޭނާގެ ދަރިފުޅު އެ ޓީމާއި އެނބުރި ގުޅެން ބޭނުންވާ ކަމުގެ ވާހަކަ ދައްކާފައި ވުމެވެ.

ނޭމާ ބާސެލޯނާގައި ކުޅުނު ދުވަސްވަރުގެ ތެރެއިން

"އޭނާ ހުރީ އޭނާއަށް ބާސެލޯނާއާއިި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ވަރަށް ދެރަވެފައި. އަދި އެކަމަށް މާފުކޮށްދިނުމަށް ވެސް އޭނާ އެދޭ،" ނޭމާގެ ބައްޕަ ބުންޏެވެ.

ނޭމާ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން ދުވަސް ކޮޅު ކޮޅުން އޭނާ އަނބުރާ ބާސެލޯނާއަށް އަންނަން އުޅޭ ކަމުގެ ވާހަކައިގެ އަޑުތައް ވަނީ އެތައް ފަހަރަކު ފެތުރިފައެވެ. މި ދުވަސްކޮޅަކީ ކުޅުންތެރިން ކުލަބުތައް ދޫކޮށް އަދި އައުމަށް ހުޅުވިފައިވާ ދުވަސްވަރު ކަމަށް ވުމުން މިފަދަ މަޝްހޫރު ގިނަ ކުޅުން ތެރިންނާއި ގުޅޭ ގޮތުން ދަނީ ތަފާތު ގިނަ ހަބަރުތަކެއް ފެތުރެމުންނެވެ.

comment ކޮމެންޓް